09 Feb 2014, 19:23
ލީތަލް އިންޖެކްޝަން ޖަހައިގެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލަފާ އަރުވައިފި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުނިޔޭގައި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައުމުތަކުގައި މަރުގެ އަދަބު ތަންފީޒު ކުރެވެމުންދާ އެކިއެކި ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، ކަމާ ބެހޭ ގަވާއިދެއް އެކުލަވާލައި އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު، "ލީތަލް އިންޖެކްޝަން" ޖަހައިގެން ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ރައީސަށް ވަނީ ލަފާ އަރުވާފަ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރާ ގަވާއިދެއް ސަރުކާރުން އެކުލަވާލައި ވީހާ ވެސް އަވަހަކަށް އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސަށް ލަފާއަރުވާފަ އެވެ.
ސަރުކާރުން އެކުލަވާލާ އެ ގަވާއިދުގައި ގަސްދުގައި މީހަކު މަރާލުމުގެ މައްސަލަތަކުގެ ތަހުގީގު މަރުހަލާގައްޔާއި ދައުވާ އުފުލޭ މަރުހަލާގަޔާއި، ޝަރީއަތް ކުރެވޭ މަރުހަލާގަޔާއި، މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރަން ޖެހޭ މައިގަނޑު އިޖުރާއަތުތައް ހިމެނުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސަށް ލަފާއަރުވާފަ އެވެ.
ގަސްދުގައި މީހަކު މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ތަހުގީގު މަރުހަލާގައި ގާނޫނު އަސާސީން ލިބިދޭ އެންމެހައި ހައްގުތަކެއް ފޯރުކޮށްދިނުމަށް އެ ގަވާއދުގައި ކަނޑައެޅުމަށް ވެސަ ވަނީ ލަފާ އަރުވާފަ އެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ޔަގީން ކުރަންޖެހޭ ކަންކަން ކަމާއި ޝަރީއަތުގެ މަރުހަލާގެ ތަރުތީބު ވެސް އެ ގަވާއިދުގައި ކަނޑައެޅުމަށް ވަނީ ލަފާއަރުވާފަ އެވެ.
މަރުވި މީހާގެ ވާރިސުންގެ ބަސްހޯދުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރެވޭނީ، އެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް އެ ގަވާއިދުގައި ހިމެނުމަށް ވެސް ރައީސަށް ވަނީ ލަފާއަރުވާފަ އެވެ.
ވޭތުވެދިޔަ ފަސްވަރަކަށް އަހަރަށް ބަލާ އިރު، ރާއްޖޭގައި ގަސްދުގައި މީހުން މެރުމުގެ ކުށުގެ އަމަލު، ނިސްބަތުން ވަރަށް ގިނަވެފައިވާ ކަމަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މީހުން މެރުމުގައި ރަހުމުކުޑަ އަދި ލާއިންސާނީ އަމަލުތައް ހިންގަމުންދާ މިންވަރު އިތުރުވެފައިވާކަމާއި ރޭވިގެން ކުރެވޭ ކުށެއްގެ ގޮތުގައި މިކަން ކުރެވެމުންދާކަން ވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
ގަސްދުގައި މީހުން މެރުމުގެ ސަބަބުން އާންމު ފަރުދުންނާއި، މުޖުތަމައުގެ ހައްގުތަކާއި، މިނިވަންކަމާއި ރައްކާތެރިކަން ގެއްލި، މުޖްތަމައުގެ ސަލާމަތާއި އަމަންއަމާންކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމަ އެހެންމެ ރާއްޖެފަދަ ކުޑަ އަދި މީސްކޮޅު މަދު ގައުމެއްގައި، ގަސްދުގައި މީހުން މެރުމުގެ ކަންތައް ގޮސްފައިވާ މިންވަރަށާއި ޒާތަށް ބަލާއިރު، މިއީ ގައުމީ ފެންވަރެއްގައި ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.