ހޮނިހިރު ދުވަހުގެ ރެޔާ ހަމައަށް އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެންނަލް ޕްރިމިއާ ލީގުގައި އެޓީމު ކުރިމަތިލާންޖެހޭ ވަރުގަދަ މެޗުތަކުގެ ތެރެއިން އެއް މެޗާ ކުރިމަތިލާން ލިވަޕޫލްގެ އެންފީލްޑަށް ދިޔައީ އުންމީދުތަކަކާ އެކު އެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ 20 މިނިޓުތެރޭގައި އެޓީމުގެ ގޯލަށް ހަތަރު ލަނޑު ވައްދާލައިފާނެ ކަމަށް ކޯޗު އާސީން ވެންގާއަށް ވެސް ގަބޫލުކުރަން ދައްޗެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ކުރެވިގެންދިޔައީ ހައިރާން ކުރުވަނި ހިތްދަތި އިހްސާސްތަކެކެވެ. އަދި ބުދަދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ހާލަތާމެދު ކޯޗު ވެންގާ ވަނީ ސުވާލު އުފައްދައިފަ އެވެ.

"މި ނަތީޖާގެ ސަބަބުން ބުދަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އަހަރެމެން ޖަވާބުދާރީވާންޖެހޭ ސުވާލުތަކެއް އެބަ ކުރިމަތިވޭ. އެކަމަކު އަހަރެން އަދިވެސް ގަބޫލުކުރަން އަހަރެމެންނަށް މެތަމެޓިކަލީ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް،" ވެންގާ ބުންޏެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާޓީން ސްކާޓްލް އެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން އޭނާ ވަނީ ލިވާޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާ ފުޅާކޮށްފަ އެވެ. 16 ވަނަ މިނިޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ރަހީމް ސްޓާލިން ކާމިޔާބުކުރި އިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓްގައި ޖަހައިދިނީ ޑެނީލް ސްޓްރިޖް އެވެ. އާސެނަލްއަށް 62 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމު ހަމަ އެކަނި ކާމިޔާބުކުރި ލަނޑު މިކޭލް އަޓޭޓާ ޖެހުމުގެ ކުރިން 52 ވަނަ މިނިޓުގައި ސްޓްރިޖް ވަނީ ލިވަޕޫލްގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

އާސެނަލް މިސީޒަންގައި އަވޭ މެޗަކުން ފުރަތަމަ ފަހަރަށް ބަލިވެފައިވަނީ، އިއްތިހާދު ސްޓޭޑިއަމްގައި ވާދަވެރި މެންޗެސްޓާ ސިޓީއަތުން 3-6 ގެ ނަތީޖާ އަކުންނެވެ.

ވެންގާ ބުނީ "އެންފީލްޑްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް އާސެނަލްގެ މުޅި ޓީމުވެސް ވަނީ ފެއިލްވެފައި،" ކަމަށެވެ.

"ފުޓްބޯޅައިގައި އަބަދުވެސް މުސްތަގުބަލު ބިނާ މިވަނީ، ބަލިވާ މެޗުތަކަށް ބަލައިގެން. އެހެންކަމުން އަހަރެމެން ޖަވާބުދޭން ޖެހޭ ވަރަށް ގިނަ ސުވާލުތަކެއް އެބަހުރި،" ވެންގާ ބުންޏެވެ.

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ފަހު އަންނަ ހަފްތާގައި އާސެނަލް ދެން ކުރިމަތިލާން ޖެހޭނީ، އަމިއްލަ ދަނޑުގައި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އަނެއްކާ ވެސް ލިވަޕޫލް އާއެވެ. އޭގެ ފަހުން މިމަހުގެ 19 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުގައި އަމިއްލަ ދަނޑުގައި އެޓީމު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ދެކޮޅަށެވެ.

ވެންގާ ބުނީ، އޭނާގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ފަހަތް މާބޮޑަށް ނިކަމެތި ވުންކަމަށެވެ. އަދި ލިވަޕޫލް ވަނީ އޭގެ ފުރިހަމަ ބޭނުން ހިފާފައި ކަމަށް ވެންގާ ބުންޏެވެ.

"އަހަރެމެން މިތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެކަމަކު އަދިވެސް އުންމީދު ދޫކޮށްލައިގެން ނުވާނެ. އަހަރެމެންނަށް މިކަން ވާނެ،" އުމުރުން 64 އަހަރުގެ ވެންގާ ބުންޏެވެ.

މިސީޒަނަކީ ވޭތުވެދިޔަ ހަތްވަރަކަށް އަހރު ތެރޭގައި އާސެނަލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދާ ސީޒަނެވެ.

ލިވަޕޫލާ ދެކޮޅަށް އެޓީމު ރޭ ނުކުތްއިރު ތާވަލުގެ އެއްވަނައިގައި ފޮނި އުންމީދު ތަކަކާއެކު އޮތްނަމަވެސް މިހާރު އެޓީމު އޮތީ 55 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އާސެނަލް އަތުން މޮޅުވެ 50 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު މިހާރު އޮތީ ޗެލްސީ އެވެ. އަދި 54 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ، ސިޓީ އެވެ.