އެޑިން ހަޒާޑްގެ ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް 3-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޗެލްސީ ކުރިއަށް ޖެހިލައިފި އެވެ.

ތާވަލުގެ ކުރީގައި އޮތް ހަތަރު ޓީމުންކުރެ ކޮންމެ ޓީމެއް 25 މެޗު ކުޅެފައިވާއިރު ޗެލްސީ ތާވަލުގެ އެއްވަނަ އަށް އެރީ 56 ޕޮއިންޓު ލިބިގެންނެވެ. ތާވަލުގެ ދެވަނައިގައި 55 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ، 54 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީއަށް ކުރި ހޯދައިދިން ލަނޑު ހަޒާޑު ޖަހައިދިނީ މެޗުގެ 27 ވަނަ މިނިޓުގަ އެވެ. އަދި ދެވަނަ ލަނޑު 34 ވަނަ މިނިޓުގަ އެވެ. މެޗުގައި ހަޒާޑުގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ، ފަހުހާފުގައި ނިއުކާސަލްގެ ޕެނަލްޓީއޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ޗެލްސީގެ ސެމުއެލް އެޓޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް 63 ވަނަ މިނިޓުގައި ނިއުކާސަލްގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ހުސްވި ހަފުތާގައި އޭނާގެ ޓީމަށް މިފަހަރުގެ ލީގު ގެނެވިދާނެ ކަމަށް ނުދެކޭ ކަމުގައި ބުނެފައިވީ ނަމަވެސް ހޯމަ ދުވަހު ސިޓީއަތުން މޮޅުވުމާއި އަދި މި ނަތީޖާއާއެކު މެޗަކުން ބަލިނުވެ 10 މެޗު ޗެލްސީ ހަމަކޮށްފައިވާއިރު، އެޓީމަކީ މިހާރު ލީގަށް ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމަށް މިވަނީ ވެފަ އެވެ.

މޮރީނިއޯ ވަނީ ރޭގެ މެޗުގައި ޗެލްސީއަށް އަލަށް ގެނައި މިސްރު ވިންގާ މުހައްމަދު ސަލާހުއަށް ޗެލްސީގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. 78 ވަނަ މިނިޓުގައި ވިލިއަންގެ ބަދަލުގައި ކުޅެން އެރި ސަލާހު ވަނީ، ފުރަތަމަ ފެނިލުމުގައިވެސް އަޅައިގަންނަ ކަހަލަ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނިއުކާސަލްގެ ކޯޗު އެލަން ޕާޑިއު ބުނީ، އޭނާގެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިއްމު ކުޅުންތެރިންތަކެއް އިންޖަރީގައި ތިބުން ކަމަށެވެ. އަދި އެކުޅުންތެރިން އެނބުރި ޓީމާ ގުޅުމުން ކުރިއަށް އޮތް 13 ވަރަކަށް މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.