މަގުމަތީގައި އުފެދޭ ކުނި އެޅުމަށް ހާއްސަކޮށްގެން މާލޭގެ 17 ސަރަހައްދެއްގައި މާދަމާ ޑަސްބިން ބަހައްޓާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެގޮތަށް ނިންމީ ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އަލަށް އެކުލަވާލި ގަވާއިދަށް އަމަލް ކުރަން ފެށުމުގެ ގޮތުން ކަމަށެވެ. އެގޮތުން މާލެގެ 17 ސަރަހައްދެއްގައި 100 އެއްހާ ޑަސްބިންތައް ބަހައްޓާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޑަސްބިންތަކަކީ މަގު މަތީގައި އުފެދޭ ކުނި އެޅުމަށް ބަހައްޓާ ޑަސްބިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑަސްބިންތަކުގެ ބޭނުން ހިފާ ފަރާތްތަކުން އެތަކެތީގެ ބޭނުން ވީހާ ވެސް ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، މި ގަސްބިންތަކުގެ މައިގަނޑު ބޭނުމަކީ މަގުމައްޗަށް އެޅޭ ކުނި ނައްތާލުން، ޑަސްބިންތަކަށް ގޭގެއިން އުކާލާ ކާ އެއްޗެހި ފަދަ ކުނިވާ ތަކެތި ނޭޅުމަށް އިލްތިމާސްކުރަން، އެއީ އެފަދަ ކުނި އެޅުމަށް ހާއްސަކޮށްފައިވާ ގަސްބިންތަކެއް ނޫން، ކުރިއަށް އޮތްތާނގާއި އިތުރު ޑަސްބިންތަކެއް ބެހެއްޓޭނެ،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ޑަސްބިންތައް ބެހެއްޓުމުގައި ބަލާފައިވާ ސަރަހައްދުތަކަކީ ޕާކްތައް ހިމެނޭ ސަރަހައްދުތަކާއި ސަރުކާރުގެ ބައެއް އޮފީސްތައް ހިމެނޭ ސަރަހައްދުތަކާއި މާލޭގެ ޓާމިނަލްތައް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން ފްލެޓް ސަރަހައްދާއި މީހުން ބައިބޯވެ އުޅޭ ސަރަހައްދުތައް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބަހައްޓާ މި ޑަސްބިންތައް ހުންނާނީ ފެހި އަދި ރަތް ކުލައިގަ އެވެ. އެ ޑަސްބިންތައް ބެލެހެއްޓުމުގެ ކަންތައްތައް ހަވާލުކޮށްފައި ވާނީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

ޓައިވާން ސަރުކާރުގެ އެހީގައި ސިޓީ ކައުންސިލަށް ލިބިފައިވާ ޑަސްބިންތައް މާދަމާ ބަހައްޓާ ސަރަހައްދުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާން ސަރަހައްދާއި ހުކުރު މިސްކިތް ސަރަހައްދާއި މަސްވެރިންގެ ޕާކު ސަރަހައްދާއި ނަސަންދުރާ ކުރިމައްޗާއި ޝޯސަލް ސެންޓަރާއި ޓްރެކް ސަރަހައްދާއި ބީއެމްއެލްގެ މައި އޮފީސް ކުރިމައްޗާއި ޓީވީ މޯލްޑިވްސް ކަންމައްޗާއި ފްލެޓް ސަރަހައްދާއި ނަލަހިއްޔާ ހޮޓެލް ސަރަހައްދާއި ވެލާނާގެ ސަރަހައްދު އަދި ފިނި ޕާކާއި ޕީޓްރަލް ޕާކް ސަރަހައްދު ހިމެނެ އެވެ.

މި ގަވާއިދުގެ ދަށުން ކުނިގޮނޑާއި ޑަސްބިން ނޫން ތަނަކަށް ކުނި އަޅައިފިނަމަ އެމީހަކު 100 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިޖްތިމާއި ސަރަހައްދުތަކުގައި ޑަސްބިން ނުބަހައްޓައިފިނަމަ އެސަރަހައްދެއް ބަލަހައްޓާ ފަރާތެއް 10،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.