ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިގެން ރާއްޖޭގައި މަރަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގޮތުން ރައްޔިތުން އެދޭ މިންވަރު ބެލުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށް މަހުލޫފް ކުރެއްވި މަސައްކަތް ހުއްޓަވާލައްވައިފަ އެވެ.

މިއަދު މީޑިއާ އާ ބައްދަލު ކުރައްވައި މަހްލޫފު ވިދާޅުވީ މަރުގެ ހުކުމްތައް ތަންފީޒު ކުރުމަށް ރައްޔިތުން އެދޭ މިންވަރު ބެލުމުގެ ހިޔާލު ދޫކޮށްލެއްވީ ދީނީ އިލްމުވެރިންނާއި އެހެނިހެން ދީނީ ޖަމާއަތްތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ ކަމަށެވެ. އަދި މިއަދު ފިގުހު އެކަޑަމީން ވެސް އެފަދަ ބަޔާނެއް ނެރުއްވާފައިވާކަން މަހްލޫފު ފާހަގަ ކުރެއްވި އެވެ.

"އެއްވެސް ނުބައި ނިޔަތެއްގައެއް ނޫން އަޅުގަނޑު މިކަން ކުރަން އުޅުނީ. އެކަމަކު ބައެއް ދީނީ އިލްމުވެރިން ވެސް ދެއްވާފައިވާ ލަފާގެ މަތިން އަޅުގަނޑު ކުރަން އަޒުމް ކަނޑައެޅި މަސައްކަތް މިއަދުން ފެށިގެން ވަގުތުން ވަގުތަށް މި ހުއްޓާލީ. އެހެން ނަމަވެސް އަޅުގަނޑު އަބަދުވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ވަކާލާތުކުރާނަން. އެކަމަށް އަދި އަބަދު ވެސް ދޭން ގޮވަމުން ގެންދާނަން." މަހްލޫފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުންނާއި އެކަމަށް ބާރުއަޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި އަދި ކެބިނެޓްގެ ހުރިހާ ވަޒީރުންގެ ފަރާތުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް "ހަރުއަޑުން" އާދޭހާ އެކު ގޮވާލާކަމުގަ އެވެ.

"އަޅުގަނޑުމެން އެންމެން ހިތުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރާ ހިނދު، މީހުން މެރުމުގެ ކަންކަން އިތުރުވެފަވާ މިންވަރުން އެފަދަ މީހުން މެރުމަށް ރައްޔިތުން ކެތްމަދުވެފައިވާ ވަރު ބެލުމުގެ ގޮތުން ހަގީގަތުގައި މިކަން ކުރަން ނިންމީ." މަޖިލީހަށް ހުށައަޅުއްވަން ނިންމެވި ގަރާރުގައި އޮތް އެއްޗެއް ނޫސްވެރިންނަށް ތަފްސީލުކޮށްދެއްވަމުން މަހްލޫފު ވިދާޅުވި އެވެ.