ތަފާތު ހިދުމަތްތަކަކާއި އެކު ވެލް ކެއާ މެޑިކަލްސްގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ކްލިނިކެއް މާލޭގައި ހުޅުވައިފި އެވެ.

މެޑް ޕްލަސް މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ އެ ކްލިނިކްގެ މީޑިއާ ކޯޑިނޭޓަރު ނަޝްވާ ބަދީއު ސަން އަށް ވިދާޅުވީ އެ ކްލިނިކުން ބަލިމީހުންގެ ގޭގެއަށް ޑޮކްޓަރުން ގޮސް ބަލި މީހުން ބަލައި ދިނުމުގެ ހިދުމަތާއި ގޭގައި ތިބެގެން ލެބޯޓަރީ ޓެސްޓްތަކަށް ބޭނުންވާ ސާމްޕަލްތައް ނެގެމުގެ ހިދުމަތް ހެޔޮ އަގުތަކެއްގައި ލިބިގެންދާނެ ކަމަށެވެ.

"ކްލިނިކުން އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އަގަކީ 300ރ. ނަމަވެސް ގޭގެއަށް ގޮސް އާއްމު ބަލިތަކަށް ޑޮކްޓަރުން ބައްލަވައިދެއްވާނީ 600ރ. އަށް. އަދި ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ގޭގެއަށް ގޮސް ބައްލަވައިދެއްވާނީ 700ރ. އަށް،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ ލެބޯޓަރީ ޓެސްޓްތަކަށް ބޭނުންވާ ސާމްޕަލްތަކުގެ ނަތީޖާ އާއި ޑޮކްޓަރުން ދެއްވާ ބޭސް ގެއަށް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް އެ ކްލިނިކުން ލިބިގެންދާނެ ކަމަށެވެ. އަދި މާބަނޑު އަންހެނުން ގޭގައި ތިބެގެން ތްރީ-ޑީ އަދި ފޯ-ޑީ ސްކޭން ކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާބަނޑު އަންހެނުންނަށް ހޮސްޕިޓަލަށް އައުމަކީ ވަރަށް އުނދަގޫ ކަމެއް. އެއީ އެބޭފުޅުން މަހަކު އެއްފަހަރު ކުރަންޖެހޭ ކަމެއް. އަޅުނގަޑުމެން ގެންގުޅޭ ޕޯޓަބަލް ސްކޭނާއަކުން މާބަނޑު އަންހެނުންނަށް ސްކޭންގެ ހިދުމަތް ގެއަށްގޮސް ދެވޭނެ. ނޯމަލް ސްކޭން އެއްގެ އަގަކީ 250 ރުފިޔާ. އެހެނިހެން ސްކޭންތަކުގެ އަގުތައް ވޭރީވާނެ،" އޭނާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ އެ ކްލިނިކުގައި ތިން ޑޮކްޓަރުން މިވަގުތު ހަރަކާތްވާއިރު އާއްމު ބަލިތަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ބައްލަވަމުންގެންދާނެ ކަމަށާއި ކުރިއޮތްތާގައި އިތުރު ޑޮކްޓަރުން ރާއްޖެ ގެނެސް ކޭމްޕްތައް ވެސް ހިންގާނެ ކަމަށެވެ.

ފަރީދީ މަގު، ގަޑިބުރު ސަރަހައްދު ކައިރީގައި ހުންނަ މ. ދިލާސާ ވިލާގެ ދެ ވަނަ ފަންގިފިލާގައި ހިންގަމުން އަންނަ އެ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11 އަށް ލިބެން ހުންނާނެ އެވެ. އަދި ހުކުރު ދުވަހު މެންދުރު 2:30 އިން ރޭގަނޑު 11:00 އަށް ކްލިނިކު ހުޅުވިފައި ހުންނާނެ އެވެ.