16 Dec 2010, 12:10
ސައްދާމް ޙުސައިންގެ ދުވަސްވަރު ޢިރާޤާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އދ. ން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭ ބައެއް ޤަރާރުތައް އުވާލުމުގެ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ޢިރާޤާ ދެކޮޅަށް އެކިގޮތްގޮތުން ދަތިކޮށް ޢިރާޤު ނިކަމެތިކޮށް ޢިރާޤުގެ ރައްޔިތުން ބިކަ ޙާލުގައި ޖެއްސުމަށް އދ. ގެ ތާރީޚުގައި ދުވަހަކުވެސް ޤައުމަކާ ދެކޮޅަށް ފާސްނުކުރާ މިންވަރަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޢިރާޤާ ދެކޮޅަށް ޤަރާރުތައް ފާސްކުރި އެވެ. ހަމައެކަނި ޢިރާޤުން ކުވޭތަށް އެރި މައްސަލާގައިވެސް ޢިރާޤަށް އަދަބު ދިނުމަށްޓަކައި 70 އަށްވުރެގިނަ ޤަރާރު ފާސްކުރި އެވެ. ޢިރާޤާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރު ބުރެއް އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދިޔައީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ 2002 ވަނަ އަހަރާއި 203 ވަނަ އަހަރު އެމެރިކާއިން ބޮޑެތި ދޮގުތަކެއް ހަދައި ދުނިޔެއަށް ޙަޤީޤަތް އޮޅުވާލައިގެންނެވެ. މިއީ ޢިރާޤާ ދެކޮޅަށް ހަނގުރާމަފަށަން ވެގެން ވަކިރޭވުމެއްގެ ދަށުން އެމެރިކާ ކުޅުނު އިސްތިޢްމާރީ ކުޅިގަނޑެކެވެ. މިއަނިޔާވެރި ކުޅިގަނޑުގައި ޢިރާޤާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގާ ޢިރާޤުގެ ލައްކައެއްހާމީހުން އެމެރިކާގެ އަތްދަށުން މަރުވެ ދެލައްކައެއްހާމީހުން ޒަޚްމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެމެރިކާ ފެށި ހަނގުރާމައިގެ ސަބަބުން ޢިރާޤުވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފަ އެވެ. މީގެއިތުރުން މިހަނގުރާމައިގާ ޢިރާޤުވަނީ މުޅިންކަހަލަ ގޮތަކަށް ހަލާކުކޮށް ސުންނާފަތިވެސް ކޮށްފައެވެ. ޢިރާޤާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަކުގެތެރޭން ސަލާމަތީ މަޖިލީހުން އުވާލުމަށް ނިންމި މައިގަނޑު ފިޔަވަޅަކީ ތެލުގެ ބަދަލުގައި ކާނާ ޕްރޮގްރާމެވެ. އުވާލި ފިޔަވަޅުތަކުގެ ތެރޭން މުހިއްމު އަނެއް ފިޔަވަޅަކީ ފަނާކުރަނިވި ހަތިޔާރު އުފެއްދުމުގެ ފުރްސަތު ޢިރާޤަށް ނުދިނުމުގެ ނަމުގައި ޢިރާޤާ ދެކޮޅަށް ފާސްކުރި ޤަރާރެވެ. މި ޤަރާރު އުވާލުމާގުޅިގެން ޢިރާޤަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ޚާއްސަކޮށް މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ ތަރައްޤީ ކުރުމުގެ ފުރްސަތު ލިބިގެންދާނެ އެވެ. އެމެރިކާއިން ޢިރާޤާ ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކުރުމަށްފަހު ޢިރާޤަށް އަރައި ޢިރާޤު ހިފީ 2003 ވަނަ އަހަރުގަ އެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާކުރި މިތުހުމަތުތަކުގެ ދޮގުކަން ދުނިޔެއަށް ބޭޒާރުވީ ޢިރާޤަށް އަރައި އެެމެރިކާ ހަނގުރާމަ ކުރަމުން ގެންދާތާ ހަ އަހަރަށްވުރެ ގިިނަ ދުވަސް ވީއިރުވެސް މިފަދަ އެއްވެސް ހަތިޔާރެއް ޢިރާޤުން ނުފެނުމުންނެ އެވެ. ޢިރާޤުން ދެކޭގޮތުގައި މިއީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ހަމައެކަނި ފެށުމެކެވެ. މިމަސައްކަތަށް މިހާރު އެމެރިކާ އެއްބާރުލުން ދިންނަމަވެސް ޢިރާޤުގައި އެމެރިކާ ޙާސިިލްކުރަން ބޭނުންވާ އިސްތިޢްމާރީ މަޤްސަދްތައް ޙާސިލް ކުރުމަށްޓަކައި ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާނުލާ ދިގުދެންމުގެ ކަންތައް އެމެރިކާ ކުރުން އެކަށީގެން ވެ އެވެ. އެއީ އެެމެރިކާގެ މަޤްސަދްތައް ޙާސިލް ކުރުމަށްޓަކައި އިރާޤަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައެވެ. ކުވައިތަށް އެރުމަކީ އިރާޤުން ކުރި ވަރަށްބޮޑު ކުށެކެވެ. ނަމަވެސް ޢިރާޤަށްވުރެ މާގިނައިން ޤައުމުތަކާ ދެކޮޅަށް އިސްވެ ޙަމަލާދީ ޢުދުވާން ހިންގާ އިސްރާއީލާ ދެކޮޅަށް މިފަދަ އެއްވެސް ޤާރާރެއް އދ. ން ފާސްކޮށްފައެއް ނުވެއެވެ. އަދި ޤަރާެއް ފާސްކުރަން މަސައްކަތްކޮށްފިނަމަ ވީޓޯގެ ބޭނުން ކޮށްގެން އެފަދަ ޤަރާރުތައް ފެންކޮށްލައެވެ. އަދި ޤަރާރެއް ފާސްކުރެވުނު ނަމަވެސް އެ ޤަރާރަކަށް ބޯލެނބުމަކަށް އިސްރާއީލަކަށް މަޖްބޫރެއް ނުކުރާނެ އެވެ. އަދި ބޯނުލެނބިޔަސް މިކަމާގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއްވެސް އެޅޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް ކުރިން ދެންނެވި ފަދައިން ހަމައެކަނި ކުވޭތަށް އެރި މައްސަލާގައިވެސް ޢިރާޤާ ދެކޮޅަށް 70 އަށްވުރެ ގިނަ ޤަރާރު އދ. ގެ ސަލާމަތީ މަޖިލީހުން ދެތިން މަސްދުވަހުގެ ތެރޭގައި ފާސްކޮށް ޢިރާޤަށް ބޮޑެތި އަދަބުތަކެއް ދީފައިވެ އެވެ.