09 Feb 2014, 16:05
ދައުލަތުން ދައުވާކުރާ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އެ ކޯޓުން މިއަދު ފޮނުވި ސިޓީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ލިބިފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ކްރިމިނަލް ކޯޓަށް މިއަދު އަޅުގަނޑުމެން [ޕީޖީ އޮފީހުން] ހުށަހެޅި މައްސަލަތައް ވަނީ އަނބުރާ ފޮނުވާލާފައި. އަނބުރާ ފޮނުވާލި އިރު އެ ކޯޓުން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ މައްސަލަތައް ބަލައިގަތުމަށް އަންގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު އެ ކޯޓަށް ލިބިފައިނުވާކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން އެގޮތަށް ބުނެފައިވާތީ މީގެފަހުން އެ އޮފީހުން ހުށަހަޅާ ކޮންމެ މައްސަލައަކާ އެކު ސުޕްރީމް ކޯޓުގެ އަމުރުގެ ކޮޕީއެއް ފޮނުވާގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރުގެ ކޮޕީއާ އެކު މާދަމާ މައްސަލަތައް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު އަމުރެއްގައި އަވަސް މުއްދަތެއްގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށާއި ޕީޖީއަކު މިވަގުތު ނެތްކަމުގައި ވިޔަސް ދައުލަތުން ދައުވާކުރާ މައްސަލަތައް ހުރިހާ ކޯޓުތަކުން ވެސް ބަލައިގަނެ ކުރިއަށް ގެންދިޔުމަށް ވަނީ އަމުރުކޮށްފަ އެވެ.