ރާއްޖޭގެ ސްކޫލްތަކުގެ ކިޔަވަމުން އަންނަ އަންހެން ކުދިންނަށް އަމާޒްކޮށްގެން އެފްއޭއެމުން ފުރަތަމަ އިންޓަ ސްކޫލް އަންހެން ކުދިންގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެފްއޭއެމްގެ ވިމެންސް ޑިވިޝަންގެ ހެޑް މާޔަން މުހައްމަދު ވިދާޅުވީ މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެފްއޭއެމުން ދޫކުރާނެ ކަމަށާއި މުބާރާތް ބަހާލެވިފައި ވަނީ ތިން އުމުރު ފުރަޔަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާ ކަމަށް މާޔަން ވިދާޅުވި އެވެ.

"މިއީ އަދި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތް. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނީ އެފްއޭއެމުން. އަތޮޅުތަކުގެ ރަށްތަކުގެ ސްކޫލްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އެބޮތް،" މާޔަން ވިދާޅުވި އެވެ.

މާޔަން ވިދާޅުވީ، މުބާރާތް ފެށުމަށް އަދި ހަމަޖެހިފައި އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެހެން ނަމަވެސް މުބާރާތުގެ މެޗްތައް ކުޅޭނެ ދަނޑެއް އަދި ފައިނަލް ކޮށްފައި ނުވާ ކަމަށެވެ.

އަންހެން ފުޓްބޯޅަ ރާއްޖޭގައި ތަރައްގީ ކުރުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ހުސްވި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އަންހެނުންނަށް އަމާޒް ކޮށްގެން "ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއް" ބާއްވާފަ އެވެ. އެ ފަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވަނީ ބައިވެރިވެފަ އެވެ.