09 Feb 2014, 15:36
އާދަޔާ ހިލާފަށް ބޯކޮށް ސުނޯ ފޭބުމުގެ ސަބަބުން ޖަޕާނުގައި ހަތް މީހުން މަރުވެ، 1000 މީހުން ޒަހަމްވެއްޖެ އެވެ.
ޖަޕާނުގެ ގައުމީ ޓީވީ އެންއެފްކޭ އާ ހަވާލާދީ އަލްޖަޒީރާ ބުނީ މީހުން މަރުވީ އަދި ޒަހަމްވީ ބޯކޮށް ސުނޯފޭބުމާ ގުޅިގެން ހިނގި އެކި އެކި އެކްސިޑެންޓްތަކުގައި ކަމަށެވެ. އަދި ބުނީ ވެރިރަށް ޓޯކްޔޯއަށް އިއްޔެ 27 ސެންޓީމީޓަރުގެ ސުނޯ ފޭބި ކަމަށެވެ. މިއީ ފާއިތުވި 45 އަހަރުވެސް ޓޯކްޔޯއަށް ސުނޯފައިބާފައި ނުވާ މިންވަރެކެވެ. އަދި އުތުރުގެ ސެންޑާއީ ސިޓީއަށް 35 ސެންޓިމީޓަރުގެ ސުނޯ ފޭބި ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށާއި އެއީ ފާއިތުވި 78 އަހަރު ވެސް އެރަށަށް ސުނޯ ފައިބާފައި ނުވާ މިންވަރެއް ކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައިވެ އެވެ.
އެ އެޖެންސީން ލަފާކުރާ ގޮތުގައި އެގައުމުގެ އުތުރުގެ ސަރަހައްދުތަކަށް މިއަދުވެސް ސުނޯ ފައިބާނެ އެވެ.
އޭއެފްޕީ ބުނީ ބޯކޮށް ސުނޯފޭބުމުގެ ސަބަބުން ޖަޕާނުގެ 20،000 ގޭބިސީއަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އެތެރޭގެ ވައިގެ ދަތުރުތަކުގައި 300 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ. ނަރީޓާ ނަމަކަށް ކިޔާ ރަށާއި ވެރިރަށް ޓޯކްޔޯއާ ދެމެދު ކުރާ ވައިގެ ދަތުރުތަކަށް ބުރޫ އެރުމުގެ ސަބަބުން އެރަށުގެ އެއާޕޯޓްގައި 5000 މީހުން ތާށިވެފައިވާ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ފަހަކަށް އައިސް ގިނަ ގައުމުތަކަކުން ދަނީ ތަޖުރިބާ ކުރަމުންނެވެ. އެގޮތުން އެމެރިކާއާ އަށް މި އަހަރުގެ ފިނި މޫސުމުގައި އާދަޔާ ހިލާފަށް ފިނި ގަދަވި އިރު އޮސްޓްރޭލިއާގެ ހޫނުމޫސުމުގައި އާދަޔާ ހިލާށް ހޫނު ގަދަވި އެވެ.