09 Feb 2014, 15:33
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެ ދާއިރާ އަށް ކުރިން ކުރިމަތިލެއްވި ކެންޑިޑޭޓް މައުރޫފް ޒާކިރު ނިންމަވައިފި އެވެ.
މައުރޫފް މިއަދު ވިދާޅުވީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ގޮތުން ވާދަކުރާ ނަމަ ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަން ވެސް އެނގިވަޑައިގެންނަވާ ކަމަށެވެ. ނަމަވެސް އޭނާ އެގޮތަށް ނިންމެވީ ދާއިރާގެ ރައްޔިތުން ބޭނުންވާތީ އާއި އޭނާ އަށް އޮތް ތާއީދު ބޮޑުކަމުން ކަމަށެވެ.
"ދާއިރާގެ ރައްޔިތުންގެ ތާއީދާ އެކު ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބަ އޮތް އެހެންވެ އަމިއްލަ ގޮތުން ކުރިމަތިލާން ވެސް މި ނިންމީ،" މައުރޫފު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޓިކެޓް އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ތަސްމީން އަލީ އަށް ދިނީ ކެންދޫގައި ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ބާއްވަން އުޅެ ބޭއްވޭ ގޮތް ނުވެގެން، އަނެއް ދެ ރަށުގެ ޕްރައިމަރީގައި އެންމެ ގިނަ ވޯޓް ތަސްމީނަށް ލިބިވަޑައިގެންފައި ވާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ކެންދޫގައި ވޯޓް ލުން ނުބޭއްވި މައްސަލައިގައި އެނާ ކުރިން ވަނީ އެ ދާއިރާގެ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ވައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަމިއްލަ ގޮތުން އެ ދާއިރާ އަށް ކުރިމަތިލާން ނިންމަވާފައި ވާތީ އެ ނިންމުން އަނބުރާ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަސްމީނަށް ކެންދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ދީފައި ވަނީ ކެންދޫ ފިޔަވައި އެ ދާއިރާގެ އެހެން ރަށްރަށުގަޔާއި މާލޭގައި ބޭއްވި އިންތިހާބުން 391 ވޯޓް ހޯއްދަވައިގެންނެވެ. އެއީ 66 ޕަސެންޓެވެ. ތަސްމީނާ ވާދަކުރެއްވި މައުރޫފް ޒާކިރަށް ލިބިފައި ވަނީ 181 ވޯޓެވެ.
ކެންދޫގައި ވޯޓްލުމަށް 260 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.