ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ލަސްނުކޮށް ބޭފުޅަކު އައްޔަން ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީ، އެ އަމުރަށް އެމްޑީޕީން ތާއިދު ކުރާ ކަމަށާއި ވީހާ ވެސް އަވަހަކަށް ޕީޖީއަކު އައްޔަން ކުރަން އެމްޑީޕީން ތާއިދު ކުރާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީގެ މަގާމުން އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވިތާ މިހާރު ތިން މަސްވެއްޖެ އެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދުގެ ނަންފުޅު ދިރާސާ ކުރަނީ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީންނެވެ. ޑިސެމްބަރު 10، 2013 ގައި މަޖިލީހަށް ފޮނުއްވެވި ނަންފުޅު ކޮމެޓީއަށް ފޮނުވީ އޭގެ ހަފްތާއެއް ފަހުން ޑިސެމްބަރު 6، 2013 ގަ އެވެ.

މިދިޔަ މަހުގެ 30 ގައި މައުމޫން ހަމީދާ ކޮމެޓީން އިންޓަވިއު ކުރަން ނިންމާފައި ވަނިކޮށް، ކޮމެޓީ ކުރިއަށް ނުގެންދިއުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އެދިވަޑައިގަތުމުން އެ ދުވަހު ކޮމެޓީ ކެންސަލް ކުރެއްވި ކަމަށް ކޮމެޓީގެ މުގައްރިރު އަހުމަދު ސަމީރު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކޮމެޓީ ކުރިއަށް ނުގެންދިއުމަށް އެދިވަޑައިގެންނެވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕަލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ މަޝްވަރާ ނުކުރައްވައި ކޮމެޓީ ކުރިއަށް ގެންދިއުމަށް އުޅުއްވާތީ ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރު ސަމީރު ކޮމެޓީގައި ތަމްސީލު ކުރައްވާ ސުލޮޓަކީ އެމްޑީޕީގެ ސުލޮޓެއް ކަމަށާއި މަޖިލިސް ހުޅުވުމުން އެ ކޮމެޓީއަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މަޖިލިސް ހުޅުވުމުން އަނެއްކާވެސް މުގައްރިރު ކަމަށް ވަޑައިގަތުމުގެ ފުރުސަތު ސަމީރަށް އެބަ އޮތް. އެކަމަކު ސަމީރު ދެން ކޮމެޓީގައި ތަމްސީލު ކުރައްވަން ޖެހިވަޑައިގަންނަވާނީ ޖޭޕީގެ ސުލޮޓެއް،" އިބޫ ވިދާޅުވި އެވެ.

ލަސްނުކޮށް ޕީޖީއަކު އައްޔަން ކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީ އިބޫ ވިދާޅުވީ އެ އަމުރަށް އެ ޕާޓީން ތާއިދު ކުރާ ކަމަށެވެ. މަޖިލީހުން ލަސްނުކޮށް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި ޕީޖީގެ މަގާމަށް މިހާރު ފޮނުވާފައިވާ މައުމޫން ހަމީދަށް އެ ޕާޓީން ތާއިދު ނުކުރިޔަސް، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ހުރަސް އަޅަން ބޭނުން ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު ވިދާޅުވީ މައުމޫން ހަމީދާ ކޮމެޓީން އިންޓަވިއު ކުރުމަށްޓަކައި މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ނިންމެވި ކަމަށާއި ނަމަވެސް އެމްޑީޕީއަށާއި ސަރުކާރު ކޯލިޝަންގެ މެމްބަރުންނަށް ވެސް ކޮމެޓީއަށް ވަޑައިގަންނަވަން ވަގުތެއް ނުވި ކަމަށެވެ. ގިނަ މެމްބަރުން މި ދުވަސްކޮޅު އުޅުއްވަނީ މާލެއިން ބޭރުގައި ކަމަށް ވާތީ އަންނަ އަންގާރަ ދުވަހު ކޮމެޓީ ބާއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ކޮމެޓީގެ ހުރިހާ މެމްބަރުންނާއެކު ކޮމެޓީ ކުރިއަށް ގެންދަން ބޭނުންވޭ. ހުރިހާ ބޭފުޅުންނާ ވެސް މަޝްވަރާ ކުރަން. އެކަމަކު ހުރިހާ އެންމެ ހަމަވަންދެން ކޮމެޓީ ނުބައްވައި ނުހުންނާނަން،" ސަމީރު ވިދާޅުވި އެވެ.

ލަސްނުކޮށް ޕީޖީއަކު އައްޔަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ކުރިން ދައުލަތުން ދައުވާކޮށްފައިވާ ޖިނާއީ މައްސަލަތައް އަނބުރާ ގެންދިޔުންފަދަ ފިޔަވަޅެއް ނޭޅުމަށް އަމުރު ކުރާ ކަމަށެވެ.