09 Feb 2014, 14:25
ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ޔަގަން މޯހާޑް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިއަހަށް އިތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޟާދީ ދާއިރާ ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރަނގަޅު މާޙައުލެއް ބިނާކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ. މިރޮނގުން، ޤައުމުގެ އިގްތިޞާދީ ޙާލަތު މިހާރަށް ވުރެ ރަނގަޅު ކުރެއްވުމަށް ޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި ޖަރުމަނުވިލާތުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު އިތުރުކުރުމަށް ޓަކައި، މިވަގުތު ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު، ޖަރުމަނު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވި އެވެ.
މީގެއިތުރުން، ތަރައްގީވަމުން އަންނަ ގައުމުތަކަށް ޔޫރަޕުގެ އިއްތިހާދުން ފޯރުކޮށްދެމުން ގެންދާ "ޖީއެސްޕީ ޕްލަސް" ސްކީމުން، ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ދެމުންދާ ޑިއުޓީ ފްރީ ޢިނާޔަތްތައް، އިތުރު މުއްދަތަކަށް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ޖަރުމަނުވިލާތުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ޤައުމުގެ ތަރައްގީއަށް ޓަކައި، ޖަރުމަނުވިލާތުގެ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ.