09 Feb 2014, 13:11
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްކިވަން ހުޝާމް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަށްޓަކައި އެ ކައުންސިލުން ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށާއި ނަމަވެސް އެ ކައުންސިލްގެ ގާނޫނުން މާކަބޮޑު ބާރުތަކެއް ނުލިބޭ ކަމަށެވެ. އަދި ރައީސްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އާ ބައްދަލު ކުރެއްވުމަށް މީޑިއާ ކައުންސިލްއިން އެދިލެއްވުމުން ވެސް އެކަން ވެސް ކޮށްދެއްވާފައި ނުވާތީ އޭނާ އެ މަގާމުގައި ހުންނެވުމުގެ ވިސްނުމެއް ނުގެންގުޅުންވާ ކަމަށެވެ.
"އެ ސަބަބު ތަކާހުރެ ވެސް އަޅުގަނޑަކަށް ގަބޫލްލެއް ނުކުރެވޭ މި މަގާމުގައި ހުންނަން ޖެހޭ ސަބަބެއް، އެހެން ކަމުން މިއަދު އިސްތިއުފާ ދީފިން،" ހިޝާމް ވިދާޅުވި އެވެ.
އެ ކަންސިލްގެ ރައީސް ކަމަށް ހުޝާމް 10 ވޯޓް އިން އިންތިހާބް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ އޭގެ ކުރިން އެ ކައުންސިލްގެ ނައިބް ރައީސްކަން ވެސް ކުރައްވާފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސްކަމަށް ހުޝާމް ވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހީމް ހަލީލު އިސްތިއުފާ ދެއްވުމުންނެވެ.