09 Feb 2014, 13:11
ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް މޯޝަން، ޚަދީޖާ އަހްމަދާއި ސ. ހިތަދޫ ދެކުލައަރާގޭ، އަބްދުއްލަތީފްގެ މައްޗަށެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ވަގުތެއްގައި ސްރީލަންކާއިން ރާއްޖެ އައިއިރު އެ ދެ މީހުންގެ ލަގެޖްތެރޭގައި އޮތް ދެ ދަޅެއްގައި ބައި ކޮލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުރި ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަބްދުއްލަތީފް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ޚަދީޖާ ބުނީ އޭނާ ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ދައުވާ އަށް ޖަވާބުދާރީވުމަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރުމަށް ޚަދީޖާ އަށް ފުރުސަތު ދިނުމަށްފަހު އެވެ.