16 Dec 2010, 11:25
ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި އިޒްރޭލުގެ ޑޮކްޓަރުންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަކީ ދިވެހި ސަރުކާރާއި އިޒުރޭލްގެ ދައުލަތް ޖައްސައި ސިޔާސީ ފައިދާތަކެއް ހާސިލު ކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި ކިތަންމެ ވަރަކަށް މުޒާހަރާ ކުރިއަސް އެ މީހުން ފުރަން ކަނޑައެޅަޅާފައި އޮތް ދުވަހުގެ ކުރިން އެ ޑޮކްޓަރުން ފޮނުވާނުލާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށާއި މުސްލިމުނަށް ކުރާ އަނިޔާތަކާއި އެފަދަ އުދުވާންތައް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއް، އެއްވެސް މަދަނީ ޖަމިއްޔާއަކުން ކުށްވެރި ނުކުރާ ދަރަޖައަށް ދިވެހި ސަރުކާރު އަބަދު ވެސް ކުށްވެރިކުރާ ކަމަށެވެ. އަދި އިޒްރޭލްގެ އެފަދަ އުދުވާންތައް ކުށްވެރި ކުރުމަށް ދުވަހަކު ވެސް ސަރުކާރު ފަސް ޖެހިފައި ނުވާނެ ކަމަށާއި އެކަންކަން ކުށްވެރި ކުރުމުގައި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެއީ ބައިނަލް އަގުވާމީ މައިދާނުގައި ވިޔަސް ދިވެހި ސަރުކާރު ފަތަހަށް ނުބައްލަވާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލްގެ އަމަލުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އިޒްރޭލެގެ މެޑިކަލް އެހީތައް އަރަބި ކަރައިގެ ގައުމުތައް ހާއްސަކޮށް ފަލަސްތީނުން ވެސް ބަލައިގަންނަ ކަމަށާއި އިޒުރޭލްގެ މެޑިކަލް އެހީގެ ފުރުސަތުތައް ގަބޫލު ކުރުމާއި އިޒުރޭލްގެ އުދުވާންތައް ކުށްވެރި ކުރުމަކީ މުޅިން ދެ ކަމެއް ކަމަށެވެ.
"ސަރުކާރަށް ލިބޭ އެފަދަ މެޑިކަލް އެހީގެ ފުރުސަތުތައް، ހާއްސަކޮށް ޓެކްނޮލޮޖީގެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެންދޭ ސިއްހީ ފަރުވާ، ދިވެހި ސަރުކާރުން ގަބޫލު ކުރަނީ ވަކި ގައުމުތަކެއް ކަނޑައަޅައިގެން ބޭނުން ކުރާ އުސޫލަކުން ނޫން. ވީމާ އިޒްރޭލުން ފަލަސްތީނަށް، މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅު ހެދުމާއި އެ މީހުންދޭ އިންސާނީ އެހީގެ ފުރުސަތުތައް ބަލައިގަތުމަކީ ދެ ކަމެއް،" ޒުހައިރު ވިދާޅުވި އެވެ. "މިކަމާ ގުޅިގެން ކޮންމެ ރައަކު މަގުތަކުގައި ކުރާ މުޒާހަރާތަކަކީ އެކަން ކުރާ ބައެއްގެ ހައްގެއް. އެކަން ހުއްޓުވާކަށް ސަރުކާރަކުން މަސައްކަތެއް ނުކުރާނެ،"
ޒުހައިރު ވިދާޅުވީ އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމަށް ދެއްކުމަށް 700 އަށް ވުރެ ގިނަ މީހުންގެ ސަފު ހެދި ކަމަށާއި އޭގެ ތެރެއިން ބައިކުޅަބައި މިންވަރެއްގެ މީހުންނަށް ފުރުސަތު ދެވުނު އިރު އުފެދިގެން އުޅޭ ހިތްހަމަ ނުޖެހުންތަކާ ހުރެ ފަރުވާ ދެވުނީ 140 މީހުނަށް ކަމަށެވެ. އަދި މިހާރު ދެކުނުގެ އަތޮޅުތަކަށް އެ ޓީމް ކުރަމުންދާ ދަތުރުތަކުގައި 40 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
އައްޑު އަތޮޅުގައި އިޒުރޭލްގެ ޑޮކްޓަރުން ބަލި މީހުންނާ މުހާތަބުކޮށް ބޭ އަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ މައްސަލައާ ބެހޭ ގޮތުން ޒުހައިރު ވިދާޅުވީ އެ ހަބަރު ފެތުރުމާ އެކު ސަރުކާރުން އެކަން ބެލި އިރު އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ބައެއް ފަރާތްތަކުން ޑޮކްޓަރުން ގާތަށް ގޮސް ދެކޮޅުވެރި ކަމުގެ އެތައް ވާހަކަތަކެއް ދެއްކުމުން "މައްސަލައެއް އޮތްނަމަ ފުލުހުންނަށް ހުށަހެޅުމަށް" ކަމަށް ޑޮކްޓަރު ވިދާޅުވި ވިދާޅުވުން ފިޔަވައި އެކަމުގައި އެއްވެސް ކަމެއް ނެތްކަން ސަރުކާރުން ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޒުހައިރު ވަނީ އަދާލަތު ޕާޓީ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ އަދާލު ޕާޓީގެ ކޮއިލިޝަނާ މި މައްސަލާގައި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް ބުނާއިރު އަދާލު ޕާޓީން ކޮއިލިޝަނެއް ހަދާފައި ވަނީ އެމްޑީޕީއާ ކަމަށާއި ސަރުކާރާ ނޫން ކަމަށެވެ.
"މި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަންއާ އަދާލަތު ޕާޓީން މަޝްވަރާކޮށްފައެއް ނުވޭ،" ޒުހައިރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފީ ވިދާޅުވެފައި ވަނީ ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރި މަސައްކަތް މިއަދު ފެންނަނީ ވަރަށް "ނުބައި"ކޮށް ކަމަށެވެ. އަދި ދިވެހިން އުންމީދު ކުރި ސަރުކާރުން މިއަދު ފެންނަނީ އިސްލާމްދީނާއި ދިވެހި ބަސް ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި އެހެން ކަމުން އަރަބިއްޔާގެ މައްސަލަ އާއި ޔަހޫދީ ޑޮކްޓަރުންނާ ދެކޮޅަށް އަދާލަތު ޕާޓީން އެންމެ ފަހު"ލޭތިއްކާ" ހަމަޔަށް މަސައްކަތް ކުރާނެ ކަމަށެވެ.
އިޒްރޭލް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ރާއްޖެ އައިސް ބަލި މީހުންނަށް ފަރުވާ ދޭން ތައްޔާރުވި ހިސާބުން ފެށިގެން އިޒްރޭލުގެ ޑޮކްޓަރުން ދިވެހި ފަސްގަނޑުން ބޭރުކުރަންދެން މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެ ކޮންމެ ރެއަކުހެން ދަނީ މާލޭގެ މަގުމަތީގައި މުޒާހަރާތަކެއް ބާއްވަމުންނެވެ.
އެ މުޒާހަރާތަކުގައި ރާއްޖެ އައިސްގެން އުޅޭ "އައި ފްރޮމް ޒަޔަން" ޖަމާއަތަކީ މުސްލިމުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށާއި އެ މީހުން ރާއްޖެ އައިސްގެން އުޅެނީ ދިވެހި ރައްޔިތުން ދީނީ ގޮތުން މަގުފުރެއްދުމަށް ކަމަށް ދަނީ ގޮވައިލަމުންނެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒަޔަން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒަޔަން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއް ކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒައަން" މި ބަހުންނެވެ. "އައި ފްރޮމް ޒަޔަން" ގެ ބޭރުފުށުގެ މާނައަކީ "ޔަހޫންދީންގެ ފަރާތުން ލޮލެއް" ކަމަށް ވިޔަސް މި އިބާރާތުގެ ބޮޑު މަންޒަރަކީ "އަހަންނަކީ ޔަހޫދީންގެ ތެރެއިންވާ މީހެއް" ކަމަށް މުޒާހަރާތަކުގައި ބަހަމުންދާ ލީފްލެޓްތަކުގައި ލިޔެފައި ހުރެ އެވެ.
އިޒުރޭލުގެ ޑޮކްޓަރުންގެ ޓީމު ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހު 22 ގަ އެވެ.