ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމާއި އެމްޑީއޭ އިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދާއިރާތަކަށް އަދާލަތު ޕާޓީން ވެސް ވާދަކުރުމަށް ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ކެންޑިޑޭޓުން ނެރޭނެ އިތުރު ހަތް ދާއިރާއެއް މިއަދު އިއުލާންކޮށްފަ އެވެ. އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ޓިކެޓް ދީފައި ވަނީ ހުޅުހެންވޭރު ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި އަދި މަޑުއްވަރީ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާގެ އިތުރުން ކުޑަހުވަދޫ ދާއިރާ އަދި ކެނދިކުޅުދޫ ދާއިރާ އަދި އިސްދޫ ދާއިރާ އަށް ނިކުންނާނެ ކެންޑިޑޭޓުނަށް ކަމަށެވެ.

ހުޅުހެންވޭރު ދާއިރާގެ ޓިކެޓް ޑރ. މުހައްމަދު އިޔާސްއަށް ދީފައިވާ އިރު ފަރެސްމާތޮޑާ ދާއިރާގެ ޓިކެޓް ދީފައި ވަނީ މިހާރު އެ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު އަށެވެ. އަދި އިނގުރައިދޫ ދާއިރާގެ ޓިކެޓް އަލީ ޒާހިރަށް ދީފައިވާ އިރު މަޑުއްވަރީ ދާއިރާގެ ޓިކެޓް ދީފައި ވަނީ އިބްރާހިމް އަހުމަދަށެވެ. އޭގެ އިތުރުން އެމްޑީއޭ އިން ވާދަކުރާ ކުޑަހުވަދޫ ދާއިރާގެ ޓިކެޓް ކުޑަހުވަދޫ، ލީލީމާގެ/ ހަސަން ރަޝީދަށް ދީފައިވާ އިރު ކެނދިކުޅުދޫ ދާއިރާގެ ޓިކެޓް ދީފައި ވަނީ އަބްދުﷲ އިބްރާހިމަށެވެ. އޭގެ އިތުރުން އިސްދޫ ދާއިރާގެ ޓިކެޓް ވަނީ އަބްދުﷲ ހަލީމަށް ދީފަ އެވެ.

ޒާހިރު ވިދާޅުވީ ޕީޕީއެމް އިން ކުރިމަތިލާ ދާއިރާތަކަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ނެރުމަށް ނިންމީ ޕީޕީއެމްއާ އެކު ކުރި މަޝްވަރާތަކުގައި މިހާތަނަށް އައިރު ވެސް އެއްވެސް ކާމިޔާބީއެއް ނުލިބުމުން ކަމަށެވެ. ނަމަވެސް ޕީޕީއެމަށް އަށް އަދިވެސް އަދާލަތު ޕާޓީއާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޒާހިރު ވިދާޅުވި އެވެ.

"އިއްޔެގެ ޕްރައިމަރީ އަށް ހުޅުވާލުމާއި ގުޅިގެން އަޅުގަނޑުމެން ބެލީ އެ ބޭފުޅުން އިތުރަށް އަޅުގަނޑުމެންނާއިއެކު ކުރިއަށްދިއުމުގެ ވިސްނުމެއް ނެތް ކަމަށް. އެހެން ނަމަވެސް އެ ބޭފުޅުން ކުރިއަށް ދިއުމުގެ ވިސްނުން އެބަ ހުރި ކަމަށް އިޝާރާތްކުރައްވަނީ،" ޒާހިރު ވިދާޅުވި އެވެ.

ޕީޕީއެމާއި އަދާލަތާ އެކު ކުރި މަޝްވަރާތަކުގައި ޕީޕީއެމްގެ އެދުމުގެ މަތިން އަދާލަތު ބެނުންވާ ދާއިރާތައް ވަނީ ޕީޕީއެމަށް އަންގާފައި ކަމަށާއި ނަމަވެސް އަދާލަތު ބޭނުންވެގެން އެންގި ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ޕީޕީއެމް އިން އިއްޔެ ބާއްވާފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި އަދާލަތުން ބޭނުންވި ދާއިރާތައް ނޫން އެހެންދާއިރާއެއް ދިނަސް އަދާލަތުން ގަބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯލިޝަން ތެރެއިން އަދާލަތުގެ ކެންޑީޑޭޓުން ނެރުމަށް ޖުމްހޫރީ ޕާޓީއާއެކު ކުރެވުން މަޝްވަރާތައް ނާކާމިޔާބުވުން އަދާލަތު ވަނީ ޖޭޕީން ކެންޑިޑޭޓުން ނެރޭ ހަ ދާއިރާއަކަށް އެ ޕާޓީގެ ކެންޑީޑޭޓުން ވެސް ނެރުމަށް ނިންމާފަ އެވެ. އަދާލަތު ޕާޓީން ވަނީ މިހާތަނަށް 13 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެކަން އިއުލާންކޮށްފަ އެވެ.