ގއ. ކަނޑުހުޅުދޫ މަސް ދޯންޏަކުން ނެގި ހަ ކިލޯގެ މާވަހަރު ވިއްކައިލައިގެން ލިބުނު ފައިސާއިން ބައެއް ހޭދަކޮށްގެން ރަށުގެ ހުރިހާ ގެ އަކަށް ހަނޑުލާއި ހަކުރު ބަސްތާ ހަދިޔާކޮށްފި އެވެ.

ކަނޑުހުޅުދޫ "ރަންދުވެލި 105" ދޯނީގެ ވެރިޔާ، އެ ރަށު ދުނބުރިމާގެ އަފީފު މުހައްމަދު "ސަން"އަށް މިއަދު ބުނީ ހަ ކިލޯގެ މާވަހަރު ވިއްކާލީ 1.6 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ މާވަހަރު ވިއްކާލެވޭނެ ކަމަށް ކުރިން ލަފާ ކުރީ ގްރާމަކަށް 26 ޑޮލަރުގެ ރޭޓުން ޖުމުލަ އަގު 2،417،547.6ރ. އަށެވެ.

އަފީފު ބުނީ މާވަހަރު ވިއްކާލީ މާލޭގެ ވިޔަފާރިވެރިއަކަށް ކަމަށާއި ނަމަވެސް އެއީ ކާކުކަމެއް އޭނާ ނުބުންޏެވެ.

އޭނާ ބުނި ގޮތުގައި މާވަހަރު ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 1071000ރ. ދޯނީގެ 17 ފަޅުވެރިންނަށް ބަހާފައިވާ ކަމަށެވެ. އެ ރުފިޔާ ހަމަހަމަޔަށް ބެހުމުން ކޮންމެ ފަޅުވެރިއަކަށް ޖެހިފައި ވަނީ 63،000ރ. އެވެ.

ރަށުގެ ރައްޔިތުންނަށް ހަނޑުލާއި ހަކުރު ބަސްތާތައް ބެހުމަށް ދޯނީގެ ފަޅުވެރިން ނިންމުމުން އެކަމަށް 60،000ރ. ހަރަދުވި ކަމަށް އަފީފު ބުންޏެވެ. އަދި ބާކީ ހުރި ފައިސާތައް އޭނާއަށް ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މާވަހަރު ވިއްކައިގެން ލިބުނު ފައިސާ ދޯނީގެ ފަޅުވެރިންނަށް ބެހުމަށްފަހު ބާކީ ހުރި އެއްޗަކުން ރަށުގެ ކޮންމެ ގެއަކަށް ހަނޑޫ ބަސްތާ އަކާއި ހަކުރު ބަސްތާއެއް ހަދިޔާ ކުރަން ފަޅުވެރިން ވެސް ނިންމީ،" އަފީފު ބުންޏެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ ދޯނިން ނެގި މާވަހަރު ވިއްކާލުމަށް ފަހު ލިބުނު ފައިސާ ދޯނީގެ ފަޅުވެރިންނަށް ބައި އެޅުމަށް، ރަށުގެ ކޮންމެ ގެއަކަށް ހަނޑޫ ބަސްތާ އަކާ ހަކުރު ބަސްތާއެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

"ކައުންސިލުން ވަރަށް އުފާކުރާ ކަމެއް އެކަމުގެ މަންފާ ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނީތީވެ،" ރިފާއު ވިދާޅުވި އެވެ.

އެ ދޯނީގެ ފަޅުވެރިންނަށް މާވަހަރު ފެނިފައި ވަނީ އެ އަތޮޅު ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ ކިޔާ ފަޅުރަށާއި ދިމާލުން 25 މޭލު ބޭރުން "އަސްދަނޑި"އެއް ކައިރިންނެވެ.