ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކޮނެ، ފުންކޮށް އަދި ހިއްކުން ހުއްދަކޮށް "ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު" ސަރުކާރުން މިއަދު އިސްލާހުކޮށްފި އެވެ.

ފަޅު ހިއްކުމުގެ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ހިއްކުމަކީ ނުވަތަ ކޮނެ ހެދުމަކީ މަނާ ކަމެއް ނަމަވެސް ގަވާއިދު މިއަދު އިސްލާހު ކުރިއިރު ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއަކަށް އެފަދަ ސަރަހައްދެއްގައި ފަޅުކޮނުން ފަދަ ކަންކަން ވަނީ ހުއްދަ ކޮށްފަ އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކޮނުމުގެ ހުއްދަ ދިން ނަމަވެސް އެ ތަނެއް ކޮނެވޭނީ ނުވަތަ ހިއްކޭނީ އެ ސަރަހައްދެއްގައި އެކުލެވޭ ގުދުރަތީ ސިފަތައް ހިމެނޭ ގޮތަށް އެހެން ސަރަހައްދެއް ހިމާޔަތްކޮށް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު އެވެ.

އޭގެ އިތުރުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ބަދަލު ގެނައުމުގެ ކުރިން ރަށުގެ ފެން ފަށަލަ އަށް އަތުވެދާނެ ބަދަލުތައް ބަލައި ދިރާސާ ކުރުމުގެ އިތުރުން ރަށުގައި ފެން ބޮޑުވެދާނެތޯ ވެސް ބަލަންޖެހެ އެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކޮނެ، ހިއްކުމަށް ހުއްދަ ކުރުމުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އިކޯކެއާ އިން ވަނީ އެކަނަ ކުށްވެރިކޮށްފަ އެވެ.

"ގަވާއިދުގައި އެ ބުނަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ހަލާކު ވިޔަސް ތިމަންނާމެން އެހެން ސަރަހައްދެއް ހިމާޔަތްކޮށްދޭނަމޭ. އެކަމަކު އެއިރަކުން އަދި ހަލާކުވި ތަނެއް ރަނގަޅެއް ނުވާނެ. އެހެން ތަނެއް ހިމާޔަތް ކުރުމަކީ ހިމާޔަތްކޮށްފައި އޮތް ތަނެއް ހަލާކު ކުރުމަށް އޮތް އުޒުރެއް ނޫން،" އިކޯކެއާގެ ޕްރޮޖެކްޓްސް ކޯޑިނޭޓާ މައީދު މުހައްމަދު ޒާހިރު ވިދާޅުވި އެވެ.

މައީދު އިތުރަށް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު ވެސް ތިމާވެށި ހިމާޔަތް ކުރުން ލާޒިމު ކަމަށާއި ތަރައްގީއަކީ ތިމާވެއްޓަށް ހުރި ގޮންޖެހުމަކަށް ވެގެން ނުވާނެ ކަމަށެވެ.

ހިމާޔަތްކޮށްފައިވަ ސަރަހައްދުތައް ހިއްކުން ހުއްދަ ކުރުމުން އެކަމާ ގުޅޭ ކޮމެންޓެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަރަމަންޓް އެންޑް އެނާޖީ އަށް ގުޅުމުން ވިދާޅުވީ އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ގުޅުމަށެވެ. އީޕީއޭ އަށް ގުޅުމުން ވިދާޅުވީ އެ އިދާރާއަކީ ތަންފީޒީ އިދާރާއެއް ކަމަށާއި އެ މައްސަލައިގައި ވާހަކަ ދެއްކޭނީ މިނިސްޓްރީ އަށް ކަމަށެވެ.