ސާކް ސަމިޓް އައްޑޫ ސިޓީގައި އިމާރާތް ކުރި އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގެ ތަރައްގީކޮށް ހިންގުމަށް ޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޓޫރީޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އީސީސީ ތަރައްގީ ކުރުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ބެލުމަށް ފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަތޭކަ ފަންސާސް މިލިއަން ހަރަދުކޮށްގެން ސަރުކާރުން އަޅާފައިވާ އީސީސީ ތަރައްގީކޮށް ހިންގާ ފަރާތަކަށް 67 ހެކްޓަރުގެ އީއީސީ ބިމުގެ ސަރަހައްދުގައި ޓޫރިޒަމާއި ސިނާއީ ބައެއް ކަހަލަ މަސައްކަތްތައް ކުރުމަށް ހުއްދަދޭ ގޮތަށެވެ.

އީސީސީގެ ހިމެނޭ 67 ހެކްޓަރުގެ ސަރަހައްދު ތަރައްގީކޮށް 100 އެނދުގެ ސިޓީ ހޮޓަލެއް އެ ސަރަހައްދުގައި އަޅަން ނިންމާ ބައިނަލް އަގުވާމީ ބީލަމަށް ލުމަށް ކުރިން ހުޅުވާލި ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލަ އެވެ.