އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް އެމެރިކާގެ ކަނޑުގެ ސަރަހައްދީ ރޮނގާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ނޮދަން ފްލީޓްގެ ކޮމާންޑަރު އަފްޝީން ރިޒާއީ ހައްދާދު ވިދާޅުވި ކަމަށް އެގައުމުގެ ސަރުކާރާ ގުޅުން އޮންނަ ފަރުސް ނޫސް އެޖެންސީ ބުނީ މަނަވަރުތައް އެމެރިކާއާ ކައިރިއަށް ފޮނުވަނީ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

"އީރާނުގެ ކަނޑުގެ ސިފައިންގެ ފްލީޓް ދަނީ އެމެރިކާގެ ކަނޑުގެ ސަރަހައްދީ ރޮނގާ ދިމާއަށް މިސްރާބު ޖަހަމުން. މި ފިޔަވަޅުގައި މެސެޖެއްވޭ،" އަފްޝިން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާއާ ހަވާލާދީ ނޫހުން ބުނީ އީރާނުގެ މަނަވަރުތައް، ދެކުނު އެފްރިކާގެ ކައިރިން ދަތުރުކޮށް، އެޓްލާންޓިކް ކަނޑާ ދިމާއަށް މިހާރު މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި ބުނީ އީރާނުން އެގޮތަށް ކަންތައް ކުރަނީ ޕާސިއަން ގަލްފަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް އިތުރުކުރަމުން ދާތީ ކަމަށެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ރެއާ އެޑްމިރަލް ހަބީބުﷲ ސައްޔާރީ 2012 ވަނަ އަހަރު ވިދާޅުވެފައި ވަނީ ޕާސިއަން ގަލްފަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ޖަމާ ކުރާ ނަމަ އީރާނުގެ އުޅަނދުތައް އެމެރިކާގެ ކައިރިއަށް ފޮނުއްވާނެ ކަމަށެވެ. އަދި އެކަން މަދު އަހަރުތަކެއްގެ ތެރޭގައި ކުރައްވާނެ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

"އަހަރެމެންގެ ކަނޑުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތިބި ކިބުރުވެރި ބާރުތައް ފަދައިން، އެމެރިކާގެ ކަނޑުގެ ސަރަހައްދީ ރޮނގު ކައިރިއަށް އަހަރެމެން ވެސް ވަރުގަދަ ބާރެއް ފޮނުވާނަން،" ސައްޔާރީ އޭރު ވިދާޅުވެފައިވެ އެވެ.

އީރާނުން އެމެރިކާގެ ކައިރިއަށް ފޮނުވަނީ ކިތައް އުޅަނދުކަމެއް، އަދި އެ އޮޕަރޭޝަންގެ ތަފުސީލެއް އެގައުމަކުން ނުދެ އެވެ.