09 Feb 2014, 10:56
ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-4 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެ، ލީގުގެ އެއް ވަނަ މަގާމަށް ރެއާލް ޖެހިލައިފި އެވެ.
ރެއާލް މެޑްރިޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލްއިންނެވެ. އެ ލަނޑު މެޗުގެ ހަތް ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބު ކޮށްދިނީ ގެރެތު ބޭލް އެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ކާމިޔާބު ކޮށްދިން ލަނޑާއެކު ރެއާލްގެ ލީޑް ފުޅައިވެގެން ދިޔައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވިޔަރެއާލުގެ މާރިއޯ ވަނީ ރެއާލް ކޮޅަށް ލަނޑެއް ޖެހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ކުޑަކޮށްލައިފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ދެ ވަނަ ހާފު ފަށައިގެން 64 ވަނަ މިނެޓުގައި ރެއާލް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާ އަނެއްކާވެސް ލީޑް ފުޅާކޮށްފަ އެވެ. އެލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ޖެސޭ ރޮޑްރިގޭޒް އެވެ. އަދި ރޭގެ މެޗުގައި ވިޔަރެއާލުން ރެއާލް ކޮޅަށް ޖެހި ދެ ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވާޑް ޖިއޮވާނީ ޑޮސް ސަންޓޮސް އެވެ. ރޭގެ މެޗުގައި ރެއާލްއިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ.
ރޭގެ މެޗުން ރެއާލް މޮޅުވުމުން ލީގުގެ އެއް ވަނަ މަގާމްގައި އެޓީމް އޮތީ 57 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނަ މަގާމް ގައި އޮތީ 57 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑެވެ. މިދެ ޓީމުގެ ޕޮއިންޓު އެއްވަރުވީ ނަމަވެސް ރެއާލްއަށް ކުރި ލިބިފައި ވަނީ އެންމެ ގޯލެއްގެ ތަފާތުން ނެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު ބާސެލޯނާ އެވެ.
ސްޕެނިސް ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާ ދެޓީމަކީ ބާސެލޯނާ އާއި ސެވިއްޔާއެވެ. މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 1:00 ޖަހާއިރު އެވެ. މިމެޗުން ބާސާ މިރޭ މޮޅުވެއްޖެ ނަމަ އެޓީމް ލީގުގެ އެއް ވަނައަށް އަރާނެއެވެ.