އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމްގެ ޕްރައިމަރީ އިތުރު ނުވަ ބޭފުޅަކު ކާމިޔާބުކޮށްފި އެވެ.

ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ ޓިކެޓު ކަށަވަރު ކުރެއްވީ މިހާރުގެ ވެސް މެންބަރު އަހުމަދު ޝަރީފެވެ. އޭނާ އެ ޓިކެޓް ކާމިޔާބު ކުރެއްވީ އާއިޝަތު ޝިބާނާއާ ވާދަކުރައްވައިގެން ބޮޑު ތަފާތަކުންނެވެ. ޝަރީފަށް ޖުމްލަ 235 ވޯޓު ލިބިވަޑައިގެންނެވި އިރު ޝިބާނާއަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

ތުލުސްދޫ ދާއިރާގެ ޓިކެޓު ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ކާމިޔާބު ކުރެއްވީ ދެ ކެންޑިޑޭޓަކާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ޔޫތް މިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތަށް 234 ވޯޓު ލިބިވަޑައިގަތް އިރު އާއިޝަތު އިނާޔާ އަށް ލިބިވަޑައިގަތީ 27 ވޯޓެވެ. ވައްޑޭ އަށް ލިބިވަޑައިގަތީ 464 ވޯޓެވެ.

ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް ޓިކެޓް ކާމިޔާބު ކުރެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދެވެ. ޖުމްލަ 356 ވޯޓުން އޭނާ އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ ޏ. ފުވައްމުލައް މަންޒަރުގޭ މުހައްމަދު ރަޝީދާއި ވާދަކުރައްވައިގެނެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅެކެވެ. އެއީ މިހާރުވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދެވެ. އެހެންކަމުން އޭނާ ވަނީ ޓިކެޓު ކަށަވަރު ކުރައްވާފަ އެވެ.

ފުވައްމުލަކު އިތުރު ދާއިރާގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގަ އެވެ.

ހިންވަރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ޅ. ހިންވަރު ބޮޑުފެންމާގޭ އަބްދުﷲ ނާޒިމް އިބްރާހިމެވެ. އޭނާ އެ ޓިކެޓް ކާމިޔާބު ކުރެއްވީ 250 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހުސައިން އިސްމާއިލަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ.

ގއ. އަތޮޅު ގެމަނަފުށީ ދާއިރާގެ ޕީޕީއެމް ޓިކެޓް ކާމިޔާބުކުރެއްވީ އެއަތޮޅު ކަނޑުހުޅުދޫ ބޭފުޅެއް ކަމަށްވާ ޖަމީލް އުސްމާނެވެ. އޭނާ އެ އިންތިޚާބު ކާމިޔާބުކުރެއްވީ ހ. ޝީޝާވެހި އަހްމަދު ހަސަން މަނިކު (ޝީޝާ އަހްމަދު) އާއި ގއ. ގެމަނަފުށީ ސީސަންގޭ މުހައްމަދު ނާޒިލާ ވާދަކުރައްވަ އެވެ.

ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވި ދާންދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ ގ. މާލޭހިޔާ 1 03 - 15 އަހްމަދު އަސްއަދެވެ. އެ އަތޮޅު ވިލިގިނިލީ ދާއިރާގެ ޕީޕީއެމް ޓިކެޓް ކާމިޔާބު ކުރެއްވީ ވިލިގިނލީ ކައުންސިލްގެ ރައީސް ސައުދު ހުސެއިންނެވެ. އޭނާ އެ ޓިކެޓު ކާމިޔާބު ކުރެއްވީ ދެ ބޭފުޅަކާ ވާދަކުރައްވައިގެނެވެ.

ހިތަދޫ މެދު ދާއިރާ މިހާރު ތަމްސީލްކުރައްވަމުން އަންނަ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާ ވާދަކުރައްވައި އެ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވީ އެލައިޑް އިންޝިއުރަންސްގެ ޗެއާމަން ހިޔަލީ މުހައްމަދު ރަޝީދެވެ.

ހިތަދޫ އުތުރު ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވީ އެމްއެންޑީއެފްގެ ކުރީގެ ސާޖެންޓް އަލީ އިބްރާހިމެވެ. އޭނާ އެ ޓިކެޓު ކަށަވަރު ކުރެއްވީ ހަތަރު ބޭފުޅަކާ ވާދަކުރައްވައިގެނެވެ.

ހުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މުހައްމަދު ޝާހިދު އެވެ. އޭނާ އެ ޓިކެޓު ކަށަވަރު ކުރެއްވީ އެންމެ ބޭފުޅަކާ ވާދަކުރައްވައިގެނެވެ.

ފޭދޫ ދާއިރާގެ ޕްރައިމަރީ އިއްޔެ ބާއްވާފައެއް ނުވެއެވެ. އެ ޕްރައިމަރީ އޮންނާނީ މިއަދު ހަވީރު 4:00 ގައި އެވެ.

އިއްޔެ ބޭއްވި ޕީޕީއެމްގެ ޕަރައިމަރީގައި މާލެ ސިޓީގެ ހުރިހާ ދާއިރާއެއްގެ ނަތީޖާ ވަނީ އިއުލާންކޮށްފަ އެވެ.

ޕީޕީއެމް ޕްރައިމަރީގައި އިއްޔެ ވަނީ 25 ދާއިރާގެ ޕްރައިމަރީ ބާއްވާފަ އެވެ. މަޖިލިސް އިންތިޚާބުގައި 50 ގޮނޑިއަކަށް ޕީޕީއެމް އިން ވާދަ ކުރެ އެވެ.