09 Feb 2014, 09:54
މިހާރު ކުރިއަށްދާ 17 ވަނަ ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކުޅުނު ފުރަތަމަ މެޗުން ކަސްޓަމްސްގެ ޓީމާ ވާދަކޮށް ބަލިވެއްޖެ އެވެ.
އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުން ސިފައިންގެ ޓީމު ބަލިވީ 52 ޕޮއިންޓް 36 ޕޮއިންޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ކަސްޓަމްސްގެ އައިމިނަތު ޝިއުރާއަށެވެ.
މިމުބާރާތުގެ އަންހެން ޑިވިޒަންގެ މެޗެއް ދެން އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ. އެމެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އިމިގްރޭޝަންގެ ޓީމާ އެވެ.
މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފޮރިން މިނިސްޓުރީ އާއި ދިރާގެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ އެމްއޭސީއެލް އާއި އެމްއެންޑީއެފް އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޒަންގެ 10 ޓީމާއި އަންހެން ޑިވިޒަންގެ ތިން ޓީމެވެ. މިމުބާރާތުގައި ބައިވެރިވި ފިރެހެން ޑިވިޒަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޕީއެލް އާއި އެމްޓީސީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަން އާއި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫތު މިންޓުރީ އާއި ދިރާގު އަދި ފޮރިން މިނިސްޓްރީ އެވެ. އަދި މުބާރާތުގެ އަންހެން ޑިވިޒަނުގައި ވާދަކުރާ ތިން ޓީމަކީ ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެމްއެންޑީއެފް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ދެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާއިރު ފައިނަލަށް ދަތުރު ކުރާނީ ގަދަ ހަތަރު ޓީމު ނޮކްއައުޓް އުސޫލުން ކުޅެ އެންމެ މޮޅު ދެ ޓީމެވެ. އަދި އަންހެންޑިވިޒަންގެ ފައިނަލަށް ދަތުރުކުރާނީ އެންމެ މޮޅު ދެ ޓީމެވެ.