09 Feb 2014, 09:50
ފާތުމަތު ލީނާ (އަސްލު ނަމެއް ނޫން) 32، ލޯބިވެރިޔަކު އިހުތިޔާރުކުރީ ސާނަވީ ތައުލީމް ނިންމުމާއެކުއެކީ އެވެ. މުޅި ހަޔާތް ވޭތުކުރުމުގެ އުންމީދުގައި އެ ލޯބިވެރިޔާ އިހްތިޔާރުކޮށް ފޮނި އުންމީދުތަކެއް ކުރި އެވެ. ހިޔާލީ ގިނަ ގަނޑުވަރުތަކެއް ބިނާކުރި އެވެ. ދިރިއުޅޭނެ އުފާވެރި ޕުލޭންތައް ކުރަހާލީ އާއިލާއާ ވަގަށް ބައްދަލުކޮށްލި ހިތްގައިމު މާހޯލުތަކުންނެވެ. ރައްޓިވެގެން މާ ގިނަ ދުވަހެއް ނުކުރެ އެވެ. މަންމަ އާއި ބައްޕަ ނިޔާވެ އާއިލާއެއްގެ އަޅާލުމެއް ނެތުމުން ލީނާ ހިޔާލް ކުރީ ހިޔާލީ ކުރެހުންތަކުގައި ކުލަ ޖެއްސުމަށްޓަކައި ދެ މީހުން ދިރިއުޅުމުގެ ދަތުރުފެށުމަށެވެ. މީގެ 10 އަހަރުކުރިން ލީނާ ކައިވެނި ކުރީ ފޮނި އުންމީދުތަކާއެކު އެވެ. "އަސްލު ރައްޓެހި ވެގެން އުޅުނުއިރު ވަރަށް ވަރަށް ރަނގަޅު، އަހަރެން ކިރިޔާ ބޮޑައެއް ހާކާލިޔަސް ދެން އުޅޭނެ މޮޔަމީހެއް އުޅޭހެން، ވަރަށް ކެއާ ކުރާނެ އެހާ ޓައިމް ދޭނެ، ލައިކް ވާކަހަލަ އެއްޗެއް ވިއްޔާ ދޭނެ ގިފްޓް އަށް ވެސް" ލީނާ ކިޔައިދިނެވެ. ލީނާގެ ބައިވެރިޔާއަކީ ބޮޑެތި ވިޔަފާރިތައް ކުރާ އަތްމަތި ތަނަސް މީހެކެވެ. ލީނާގެ ކައިވެނީގެ ފުރަތަމަ ދުވަސްތަކުގައި ވެސް އުޅެމުންދިޔައީ ވަރަށް އުފާވެރިކޮށެވެ. ކައިވެންޏަށް ގިނަ ދުވަސްތަކެއް ނުވެ ފިރިހެން ދަރިޔަކު ލިބުނެވެ. އެ ދަރިފުޅާ އެކު އެ ދެ މީހުންގެ ގުޅުން ބޮޑަށް ބަދަހިވި އެވެ. ކުދިކުދި މައްސަލަތައް ޖެހުނު ނަމަވެސް އެކަންކަން ފަސޭހައިން ހައްލުކުރެވިގެންދިޔަ އެވެ. ފުރަތަމަ ދަރިފުޅަށް ތިން އަހަރުގައި އިތުރު ފިރިހެން ދަރިޔަކު ލިބުނެވެ. ކައިވެނި ހަރުދަނާވެ މުސްތަގުބަލް ފެންނާނެ މަގުތައް ފެނިގެންދިޔަ އެވެ. ދަރިންނަށްޓަކައި ދެ މީހުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. ނަމަވެސް ކަން ވީ މުޅިން އެއާ ހިލާފަށެވެ. އުފާވެރި ހަޔާތަށް އަނދިރިވުމެއް އަ އެވެ. ހީވެސް ނުކުރާ ފަދަ "ހުތުރު" ކަންތައްތަކަކާއި ކުރިމަތިލާންޖެހުނެވެ. "ކުއްލިއަކަށް ކަހަލަ ގޮތަކަށް ފިރިމީހާގެ ފަރާތުން ބޭނުން ނުވާކަހަލަ ކަންތައްތަކެއް ފެނިގެންދިޔައީ، އަދި އަދަށްވެސް ނޭނގެ ކޮބާކަމެއް ސަބަބަކީ، މިސާލަކަށް ވަގުތު ނުދިނުން، ގެޔަށް ނައުން، ދަރިންނަށް ވަގުތު ނުދިނުން، ދެން އޭނަގެ ފޯން ގެންގުޅެން ފެށީ ވަރަށް ސިއްރުން،" ފެންކަޅިވެ ހުރެ ލީނާ އެވާހަކަ ކިޔައިދިނެވެ. ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް ލީނާގެ ފިރިމީހާގެ ފަރުވާ ކުޑަ އަޅާލުމެއް ނެތް އަމަލުތައް ދިޔައީ އިތުރުވަމުންނެވެ. ލީނާއާއި އޭނާގެ ދަރިންގެ ކަންކަމީ ފިރިމީހާ އަށް މާ މުހިންމު ކަމަކަށް ނުވާ ކަހަލަ އެވެ. އަނބިމީހާއަށް ދޭންޖެހޭ "އެކަހެރި" ލޯތްބެއް، އަޅާލުމެއް ނުދެތާ ހެޔޮހިތުން އަނގައިން ވެސް ނުބުނެ އެވެ. ދުވަސްތައް ވޭތުވަމުންގޮސް ލީނާގެ ފިރިމީހާގެ ފަރާތުން ދެން ފެނަން ފެށީ ހުތުރު "ނުބައި" މަންޒަރުތަކެކެވެ. "ފުރަތަމަ އަހަރެންނަށް ގަބޫލްވެސް ނުކުރެވޭ، އެކަން ފަހުން ލޮލުން ފެނުނީމަ ގަބޫލް ކުރީ، އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން އެހެން އަންހެނުންކައިރިއަށް އޭނަ ދާނެ ކަމަކަށް، އެކަމް ފަހުން އެނގުނީ އެކުދިންނަށް ބޮޑެތި ހަރަދުތައް ކޮށް އެކުދިންނާ އެކު ގޯސް ގުޅުންތައް ބާއްވާކަން،" މާޔޫސް ވެފައިވާ ލީނާ ރޮމުން ކިޔައިދިނެ އެވެ. ލީނާ ބުނާގޮތުން ނަމަ އޭނާގެ ފިރިމީހާ ދަނީ ޒުވާން އަންހެން ކުދިންނަށް ހަރަދުކޮށް އެކުދިންގެ ކިބައިން އުފާ ހޯދަމުންނެވެ. އޭނާ ހަރަދުގައި އާޝިއާނު ގައުމެއްގައި ބަހައްޓައިގެން އެއިގެން ކުއްޖަކަށް ކިޔަވައި ވެސް ދެ އެވެ. އެކުއްޖާ ކައިރިއަށް ގިނަގިނައިން ދާކަމަށްވެ އެވެ. އަދި އެނޫނަސް ރާއްޖެ އިން ބޭރު ކުދިން ވެސް މާލެ އިން އެޕާޓްމަންޓްތައް ހިފައިގެން ބަހައްޓައި ގުޅުންތައް ބާރަށް ކުރިއަށް ގެންދާ ކަމަށްވެ އެވެ. "އަހަރެންނަކީ އޭނާއަށް ނެތް މީހެއް، މުޅިން ވެސް ވަގުތުތައް ހޭދަކުރާނީ އެޒުވާން ކުދިންނާ އެކު، އަހަރެން ވަރަށް ވަރަށް ވަރަށް ދެރަވޭ، އެއްގޮތަކަށް ވެސް ނޭނގޭ ކީއްވެކަމެއް، އެހިޔަސް ނުބުނާނެ" ރޮމުންދިޔަ ލީނާ ކިޔައިދިނެވެ. ފިރިމީހާ އެހެން އަންހެނުންތަކެއް ކިބައިން ނަހަމަ އުފާތަކެއް ހޯދާތައް ބަލާކަށް އެއްވެސް އަންހެނަކަށް ކެތްނުވާނެ އެވެ. ލީނާއަށް ވެސް ވީއެހެނެވެ. ކިޔަމަންތެރިކަން ދޫކޮށް އެކަމާއި ގުޅިގެން ފިރިމީހާއާއި ދެބަސްވުންތަކަކަށް ދިޔައެވެ. އެކަމާއި ފާޅުގައި ދެކޮޅު ހެދި އެވެ. އަޑުހަރުކޮށް ބަސް ބުނަން ފެށިއެވެ. ނަތީޖާ އަކަށް ވީ ފިރިމީހާގެ ރަހުމު ކުޑަ އަނިޔާތަކެވެ. ހަޔާތް ބަދަލުވި އެވެ. އޭރު ލޯބިން ފިރުމި އިސްތަށިގަނޑަކީ އަނިޔާވެރިކޮށް ހިފާ އެއްޗަކަށްވި އެވެ. ގޭގައި ގެންގުޅޭ އިސްތިރިން ފެށިގެންގޮސް ކުނިކަހާއި ފިހިގަނޑަކީ ވެސް ލީނާގެ ފިރިމީހާ އޭނާ އަށް އަނިޔާ ކުރަން ބޭނުން ކުރާ ހަތިޔާރަށްވި އެވެ. ކޮޅުފައިންނާއި އަތުން އެތައް ޖިސްމާނީ އަނިޔާއެއް ދިނެވެ. ރަހުމު ކުޑަ "ހުތުރު" ބަސް ތަކުން ނަފްސާނީ އަނިޔާތައް ދެމުންދިޔައީ ހިޔާލެއް ފިކުރެއްނެތި އެވެ. "ވަރަށް ވަރަށް އަނިޔާކުރޭ، ދެން ނޭންގެ މަށަށް ވާގޮތް ކިޔާދޭކަށް ވެސް، އޭނަ ފެނުނަސް ބިރުގަނޭ، އަނގައިން ބުނާ ގޮތަކުން ވެސް ހީވަނީ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެހެން، އަބަދުވެސް ބުނާނެ ކަލެޔަކަށް ވަރިއެއް ނުވެވޭނޭ، ތިހެން އިނަންށޭ ޖެހޭނީ،" ލީނާ ކިޔައިދިނެވެ. ލީނާ ފިރިމީހާގެ ރަހުމުކުޑަ އަނިޔާތައް ކުރަމުންދަނިކޮށް ފުލުހުން ވަނީ އެމައްސަލާގައި އޭނާ ހައްޔަރުވެސް ކޮށްފަ އެވެ. ނަމަވެސް އެފަހަރު ވެސް އޭނާ ދޫކޮށްލާފައި ވަނީ ލީނާ އެކަމަށް އެދުމުންނެވެ. ލީނާ ބުނާގޮތުން ނަމަ އެކަމަށް އެދުނީ "ދަރިންގެ ހައްގުގައި، އެމީހުންނަށް އެއްވެސް ދެރައެއް ދޭން ބޭނުން ނުވާތީ، އިސްލާހުވޭތޯ" ކަމަށެވެ. ލީނާ އެހާލުގައި އުޅޭތާ މިހާރު މިވަނީ ދެ އައަހަރު ފާއިތު ވެފަ އެވެ. ފައިސާ ނޫނީ ދެން ފިރިމީހާގެ ފަރާތުން ލިބެނީ ހުސް އަނިޔާ އެވެ. ކޮންމެ ދުވަހަކީ ވެސް އޭނާއަށް ބިރުވެރި މާޔޫސް ދުވަހެކެވެ. އަބަދުވެސް ހުނަން ޖެހެނީ ފިރިމީހާގެ ފަރާތުން ލިބިދާނެ އަނިޔާއަކަށް ނޫނީ ފެނިދާނެ މަންޒަރަކާމެދު ބިރުވެރި ނާންމާން ކަމެއްގަ އެވެ. މާޔޫސް އެހިތައް އުފާވެރިކަމެއް އަރާމެއް ނެތް ކަހަލައެވެ. އޭނާ ހަމައެކަނި އުންމީދަކަށްވަނީ ދެދަރިންނެވެ. އެހާލުން ދުރަށް ދިއުމުގެ ހިތްވަރެއް އޭނާ ކިބައިނެތް ކަހަލަ އެވެ. ފިރިމީހާ ފެންނަ އިރަށް އޭނާ ފިނޑިއަކަށްވެ އެވެ. އޭނާ އަކީ އާއިލާ ފަރާތު މީހަކުވެސް ހުރި މީހަކަށް ނުވުމުން އެއީ އެކަނިވެރިއެކެވެ. އެއީ ލީނާގެ ވާހަކަ އެވެ. ހަގީގަތަކީ ރަހުމު ކުޑަ އަތްތަކުން އަނިޔާ ލިބެމުންދާ އެތައް އަންހެނަކު މިރާއްޖޭގައި ދިރިއުޅެމުންދާކަމެވެ. ޖިސްމާނީ އަނިޔާތަކުން ފެށިގެންގޮސް ޖިންސީ އަނިޔާތަކާއި ހަމައަށް އެތައް އަނިޔާއެއް ލިބެމުންދާ އަންހެނުން އެބައުޅެ އެވެ. ރަހުމުކުޑަ އަތްތައް ގިނަ އެވެ. ރާއްޖޭގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކު ބުނެފައިވަނީ، އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ އަދި ޖިސްމާނީ އަނިޔާއާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އެ އުމުރު ފުރައިގެ ކޮންމެ ފަސް އަންހެނަކުން އެކަކު ބުނެފައި ވަނީ އެމީހުންގެ ބައިވެރިޔާ ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ. ހަމަ އެ ދިރާސާއިން އެނގުނު ގޮތުގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން މާބަނޑުވި 6.3 ޕަސަންޓު އަންހެނުން އެމީހުން ބަލިވެއިން ދުވަސްވަރު ބަނޑުގައި ކޮޅުފައިން ޖެހުން ފަދަ ތަފާތު އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވެ އެވެ. މިދިޔަ އަހަރު ގެވެށި އަނިޔާގެ 207 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާއިރު އެއީ 2012 ވަނަ އަހަރާއި އަޅާބަލާއިރު 28 މައްސަލަ އިތުރު އަދަދެކެވެ. މިއަހަރު މިހާތަނަށް އެފަދަ 22 މައްސަލަ ހުށައަޅާފައިވެ އެވެ. "އަނިޔާ ލިބޭ މީހުންނަށް ބަލާ އިރު ގިނައީ އަންހެނުން. އަނިޔާ ކުރާ މީހުންނަށް ބަލާއިރު ގިނައީ ފިރިހެނުން. މިއީ ދިރާސާތަކުން ބަލާއިރު ވެސް ފެންނަން އޮތް ހަގީގަތެއް،" އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވި އެވެ. ގެވެށި އަނިޔާގެ ބިލުގައި ވެސް ވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައަޅައިފަ އެވެ. ފަހަކަށް އައިސް ގިނައިން އެކަން ރާއްޖޭގައި ދަނީ ތަންފީޒް ވަމުންދާތަން ވެސް ފެނެ އެވެ. ނަމަވެސް ހިތާމައަކީ އަދިވެސް އެފަދަ ކަންކަން ހުށަނާޅާ ސިއްރުކުރާކަމެވެ. އެފަދަ ރަހުމު ކުޑަ އަނިޔާތަކުން ސަލާމަތް ވުމަށްޓަކައި ކައިވެނީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އިސްލާމް ދީން ދައްކާ މަގުން ބައިވެރިޔާ އިހުތިޔާރު ކުރަންޖެހެ އެވެ. ކައިވެނިން ބޭރުން ހިންގާ ނަހަމަ ގުޅުންތައް ހުއްޓާލަންޖެހެ އެވެ. ކައިވެނިކޮށް އަވަހަށް ފޫހިވާން ނުވަތަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބަކަށް އެކަން ވެ އެވެ. ދުނިޔޭގެ ރެކޯޑު ފޮތުން ދައްކާ ގޮތުގައި ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 ވަރީގެ ގޮތުގަ އެވެ. ގެވެށި އަނިޔާ ލިބިފައިވާ މީހުންނާއި ވާހަކަ ދައްކާލުމުން އެނގޭގޮތުގައި އެ އަނިޔާވެރިކަން ތަހަމަލުކޮށްކޮށް އެމީހުން ތިބެން ޖެހޭ ގިނަ މަޖުބޫރީ ހާލަތްތަކަކާހުރެ އެވެ. އޭގެ ތެރޭގައި ދާނެ އިތުރު ތަނެއް ނެތުމާއި ދަރިންގެ ހައްގުގަޔާއި ދެން ދިރިއުޅޭނެ އިތުރު ގޮތެއް ފެންނަން ނެތުން ފަދަ މަޖުބޫރީތައް ހިމެނެ އެވެ. ނަމަވެސް ބުއްދި ވެރިގޮތަކީ އެފަދަ އަމަލުތަކުން ސަލާމަތް ވުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅުމެވެ. އެންމެ ދުވަހަކަށް ވެސް އަނިޔާއަށް ކެތްކުރުމަކީ ބޭކާރު ކަމެކެވެ.