ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ރައްޔިތުންނަށް ދެމުން އައި ލުޔާއި މަންފާތަކާއި ސަބްސިޑީޒް ފަދަ ހިދުމަތްތައް ހުއްޓުމެއް ނެތި ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނަނީ މާލިއްޔަތުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލު ކުރަން ފެށި އިރު ދައުލަތުން އާންމުކޮށް ދެމުން އައިސްފައިވާ ލުޔެއް ނުވަތަ މަފަންފާއެއް އަދި ސަބްސިޑީޒް ފަދަ ހިދުމަތްތަކުގެ ތެރެއިން މާލިއްޔަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން އެފަދަ ހިދުމަތެއް ދެވޭނީ ކަނޑައެޅޭ ގާނޫނަކުން ކަމަށް ބުނެފައިވާ ގާނޫނުތައް ފާސްވުމުގެ ކުރިން ހުއްޓުމެއް އައުމަކީ ރައްޔިތުންގެ ތެރެއިން އިޖްތިމާއީ ރައްކާތެރިކަން ދޭންޖެހިފައިވާ ބަޔަކަށް ދައުލަތުން ކުރިންސުރެ ދެމުން އައި އިނާޔަތްތަކާއި ރައްކާތެރި ކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.


ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެމުން އައިސްފައިވާ ލުޔާއި މަންފާ އާއި ސަބްސިޑީ ފަދަ ހިދުމަތްތައް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ވަކި ގޮތަކަށް ނިމެންދެން ދެމުން ދިއުމަށެވެ.


"... ސުޕްރީމް ކޯޓުން ވަކި ގޮތެއ ކަނޑައަޅަންދެން ބުނެވިދިޔަ ހިދުމަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވިދާނެ ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެންގީމެވެ،" އަމުރުގައި ވެއެވެ.


މި ވަގުތީ އަމުރާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މާލިއްޔަތުގެ ގާނޫނުގެ މައްސަލައިގައި ކުރިން އިދިކޮޅު ފަރާތްތަކުން ހީކުރަމުން އައީ މާލިއްޔަތު ގާނޫނު ތަސްދީގުކުރުން ރައީސް ފަސްކުރެއްވީ މަޖިލީހުން ނިންމެވި ގޮތަށް ތަބާވެވަޑައި ނުގަތުމަށް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ނެރުއްވެވި އަމުރާ ގުޅިގެން ރައީސް އެކަން ފަސް ކުރެއްވެވީ އެހެން ވެގެން ނޫން ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.


މާލިއްޔަތު ގާނޫނުގެ އިސްލާހު ރައީސް ނަޝީދު ތަސްދީގު ކުރެއްވުމާއެކު ދައުލަތުން ވަނީ އެ ގާނޫނުގެ ހަތަރު މާއްދާއެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. މާލިއްޔަތުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުހަންމަދު ނަޝީދު ތަސްދީގުކުރެއްވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.