އިނގިރޭސިވިލާތަށް ނުގަވައިދުން އެތެރެވެފައި ހުރި ކޮލަމްބިއާގެ އަންހެނަކަށް އިނގިރޭސި ވިލާތުގެ އިމިގްރޭޝަން މިނިސްޓަރު މާކް ހާޕަ ވަޒީފާ ދެއްވި ކަން ފަޅާ އެރުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ހާޕަ އިއްޔެ ވިދާޅުވި ކަމަށް ޑެއިލީމެއިލް އިން ބުނީ އޭނާ އިސްތިއުފާ ދެއްވީ ކޮލަމްބިއާ އަންހެން މީހާ އިނގިރޭސިވިލާތަށް އައިސް ހުރީ ގަވައިދުން ކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންތައްތައް ނުބެލި ވާތީ ކަމަށެވެ. ހާޕަރްގެ އިސްތިއުފާ މިހާރު ވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ގަބޫލުކުރައްވާފަ އެވެ.
ހާޕަރްގެ ގެކޮޅު ސާފުކުރާ މީހެއްގެ ވަޒީފާ ދެއްވި އެ އަންހެން މީހާ އޭނާ އަށް ހުށަހެޅި ލިޔެކިއުންތައް ރައްކާކުރައްވާފައި ނެތް މައްސަލައިގައި އޭނާ އަށް ވަނީ 5000 ޕައުންޑްގެ ޖޫރިމަނާއެއް ވެސް އައިސްފަ އެވެ.

ހާޕަރްގެ އިސްތިއުފާއާ ގުޅިގެން ބޮޑުވަޒީރު ކެމެރަން މިހާރު ވަނީ އެމަގާމަށް ބޭފުޅަކު ވެސް އައްޔަން ކުރައްވާފަ އެވެ. އެގޮތުން ހަމަޖައްސަވާފައި ވަނީ ޖޭމްސް ބްރޮކެންޝަޔަރް އެވެ.

މާކް ހާޕަރް އަކީ އިނގިރޭސިވިލާތަށް ނުގަވައިދުން މީހުން އެތެރެވުން ހުއްޓުވުމަށް ވަރަށް ހަރުކަށި ފިޔަވަޅުތައް އެޅުއްވި ބޭފުޅެކެވެ.