ބާންގީ (ފެބްރުއަރީ 9): ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަތިޔާރުއެޅި ނަސާރާ މިލީޝިޔާތަކުން ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ކެމެރޮންއާއި ޗާޑްއަށް ދާ މުސްލިމުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އދ. ން ބުނެފި އެވެ.

އދ. ބުނާ ގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް ނަސާރާ މިލީޝިޔާތަކުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގާތްގަނޑަކަށް 9،000 މުސްލިމުން ސަރަހައްދީ ރޮނގު ހުރަސްކޮށް ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ވަނީ ކެމެރޮން އާއި ޗާޑްގެ ސަރަހައްދަށް ވަދެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ނަސާރާ މިލީޝިޔާ ތަކުން ހިންގަމުންގެންދާ ޖަރީމާތަކުގެ ތެރޭގައި ފެންނަކޮންމެ ތަނަކުން މުސްލިމުން މެރުމާއި އެމީހުންގެ ހަށިތައް އަލިފާނަށްލައި އެންދުމާއި މުސްލިމުންގެ ގެދޮރުގައި ހުޅުޖެހުމާއި މުދާލާއި ތަކެތީ ފޭރުމާއި އަންހެނުން ރޭޕްކުރުންފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުން ހިމެނެ އެވެ.

މިއަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވާޓޫ ބޮންސޫދާ ވަނީ މިކަން ތަހްގީގް ކޮށް މިފަދަ ޖަރީމާތަކުގައި ޝާމިލްވާ ފަރާތްތައް އެކޯޓުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް މަސައްކަތް ކުރަމުންގެންދާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މިއަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގައި އދ. އަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ ދާޚިލީ ހަމަނުޖެހުމާއި ނަސްލީ ބަދަލުހިފުންތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބުން ސުލްޙަ ގާއިމް ކުރުމުގެ ނަމުގައި ފަރަންސޭސިވިލާތުގެ ސިފައިން ވެސް އަރައި ތިބި ގައުމެކެވެ. މުސްލިމުންގެ ނިސްބަތް މަދު މިގައުމުގައި މުސްލިމުންނާ ދެކޮޅަށް ނަސާރާ މިލީޝިޔާތަކުން ހިންގަމުން ގެންދާ ޖަރީމާތަކުގައި އެގައުމުގެ ސިފައިންގެ ތެރޭގައި ހިމެނޭ ނަސާރާއިން ވެސް ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އދ. އިން ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ މިޖަރީމާތައް ހުއްޓުވުމަށް ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަރުކާރަށް ގޮވާލާފަ އެވެ. (ރޮއިޓާސް)