09 Feb 2014, 09:21
މަދީނަތުލްމުނައްވަރާ (ފެބްރުއަރީ 9): ސައޫދީ އަރަބިޔާގެ މަދީނަތުލް މުނައްވަރާގެ އިޝްރާގު ހޮޓަލުގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި ޢުމުރާގެ އަޅުކަން އަދާކުރުމަށް މުގައްދަސް ބިންތަކަށް ގޮސްތިބި އުމުރާވެރިންގެ 15 މީހުން މަރުވެ 130 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
ސަޢޫދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ މަދީނަތުލް މުނައްވަރާގެ މަރުކަޒީ ސަރަހައްދުގައި (އަލްމަސްޖިދުއްނަބަވީގެ އުތުރުގައި) ހުންނަ ހޮޓަލެއް ކަމަށްވާ އިޝްރާޤް ހޮޓަލުގަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެހޮޓަލުގައި އުމުރާވެރިންގެ 700 އަށްވުރެ ގިނަ މީހުން ތިބކަމަށްވެ އެވެ. މިޙާދިސާގައި އޭގެތެރެއިން 15 މީހުން މަރުވެ 130 މީހުން ނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ސައޫދީ ރެޑްކްރެސެންޓްގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާނެއް ކަމަށްވާ މަޙްމޫދު ޚިޔާތު ވިދާޅުވި އެވެ.
އަނިޔާ ލިބުނު މީހުންގެ ތެރެއިން ބައެއްމީހުންގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ އިރު އަނެއްބަޔަކު ދުމުގެ ސަބަބުން ހާސްވެފައިވާ ކަމަށާ އަދި ބައެއްމީހުންނަށް ބިރުންގޮސް ހާޓްއެޓޭކް ޖެހުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާނުގެ ޙާދިސާ ހިނގިކަމަށް ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. މިހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި އުމްރާއަށް ގޮސްތިބި މިސްރުގެ ދެ ކުދިންނާއި ފިރިހެނަކާއި އަންހެނަކު ހިމެނޭކަން ޖިއްދާގައި ހުންނަވާ މިސްރުގެ ކޮންސަލް ޖެނެރަލް ޢާދިލުލްއުލްފީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ސައޫދީ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި އިޝްރާޤް ހޮޓަލުގައި ތިބި އުމުރާވެރިންނަކީ އަލްމަސްޖިދުއްނަބަވީ އަށާއި މަދީނާގައިވާ މުޤައްދަސް އެހެން ތަންތަނަށް ޒިޔާރަތް ކުރުމަށް ޓަކައި އެހޮޓަލުގައި ތިބިބައެކެވެ. ސަޢޫދީ މަދަނީ ދިފާޢާބެހޭ އިދާރާ އިން ބުނީ އަލިފާނުގެ މިޙާދިސާ ހިނގަންމެދުވެރިވި ސަބަބެއް އެނގިފައިނުވާ ކަމަށާ މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދުމުގެ ތަހްގީގް ކުރަން ފަށާފައިވާ ކަމުގަ އެވެ. (ސައޫދީ މީޑިޔާ)