އަންނަ މާޗް މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓުން ކަށަވަރު ވެއްޖެ އެވެ.

މިއަދު ހަވީރު 4:00 ފެށިގެން މިރޭ 10:00އަށް ބޭއްވި ޕީޕީއެމް ޕްރައިމަރީން މާލޭގެ ދާއިރާތަކަށް ހޮވުނު ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރެއްވީ އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް މުހައްމަދު ޒުހައިރެވެ.

މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ކުރި ހޯއްދެވީ ޔޫތު މިނިސްޓަރުގެ ނައިބު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މާފަންނު މެދު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ މަންމާފުޅު އަސްމާ ރަޝީދު އެވެ. މާފަންނު ހުޅަނގު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ވީބީ ސްޕޯޓް ކުލަބްގެ ގޯލް ކީޕަރު މ. ރީފްސައިޑުގެ މުހައްމަދު ސިނާން (ނާނީ) އެވެ. މައްޗަންގޮޅީ ދެކުނު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މ. އަލިމަސްވާދީ އަބްދުﷲ ޝިނާން އެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގެ ޕްރައިމަރީގައި ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަލީ އުމަރާ ވާދަ ކުރައްވައި ކާމިޔާބު ހޯއްދެވީ ފިލްމް ޑައިރެކްޓަރު އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ އެވެ. ގަލޮލު އުތުރު ދާއިރާގެ ޕްރަމަރީ ކާމިޔާބު ކުރެއްވީ ހ. ރަވާގަން މަހީލް އަލީ ޖަމީލެވެ. މެދު ހެންވޭރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ނޫސްވިޔާ އަދި ޓީވީއެމް ޕްރެސެންޓަރު އައިޝަތު ލީޒާ އެވެ. ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމް ޓިކެޓް ކަށަވަރު ކުރެއްވީ ހ. އާހަމަ ހަސަން ޒިއަތެވެ.

ޕީޕީއެމް ޕްރައިމަރީގައި މިއަދު ބޭއްވި 25 ދާއިރާގެ ތެރެއިން އަތޮޅު ތެރޭގެ 17 ދާއިރާއެއްގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ޕީޕީއެމަކުން އަދި އިއުލާނެއް ނުކުރެ އެވެ.

މަޖިލިސް އިންތިހާބުގައި 50 ގޮނޑިއަކަށް ޕީޕީއެމް އިން ނުކުންނަ އިރު، 25 ދާއިރާއަކަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓުން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ 13 މެމްބަރަކަށް ޓިކެޓް ކަށަވަރުވެފައި ވަނީ ޕްރައިމަރީއަކާ ނުލަ އެވެ.