08 Feb 2014, 22:54
މެންޗެސްޓާ ޔުނައިޓެޑްގެ ހުއާން މަޓާ އާއި ރޮބިން ވެންޕާސީ އަދި ވޭން ރޫނީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު އެޓޭކަރުންނަށް ވާނެ ކަމަށް އެކްލަބުގެ ކޯޗު ޑޭވިޑް މޮއެސް ބުނެފި އެވެ.
ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ޔުނައިޓެޑާއި މަޓާ ގުޅިފައި ވަނީ ކްލަބުގެ ރެކޯޑް ޓްރާންސްފާއެއް ކަމަށްވާ 37.1 މިލިޔަން ޕައުންޑްގެ އަގަކަށެވެ. ޔުނައިޓެޑާއި މަޓާ ގުޅުމާ އެކު މިދިޔަ މަހުގެ ޔޫރަޕްގެ އެންމެ ބޮޑު ޓްރާންސްފާއަކަށް އޭނާގެ ޓްރާންސްފާ ވަނީ ވެފަ އެވެ.
"މަޓާ، ވެންޕާސީ އަދި ރޫނީ މުޅިން ފިޓްވުމުން ޕްރިމިއާ ލީގުގެ އެންމެ މޮޅު އެޓޭކަށް ވާނެ. އަހަރެމެން މަޓާ އަށް ޓީމަށް ހޭނުމަށް ވަގުތު ދޭން ޖެހޭނެ. ރަނގަޅު ކަމަކީ މަޓާގެ ކިބައިގާ ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރިކަން. އަދި ކުރިން ބޮޑު ކްލަބަކަށް ކުޅެފައި ހުރުމުން އޭނާ އަށް ޓީމަށް ހޭނުމަށް ފަސޭހަވާނެ." މޮއެސް ބުންޏެވެ.
ކުޅުންތެރިންގެ މަގާމާއި ފަޅި ބަދަލުކުރުމުގެ ހުނަރު ހުރުމުން ޑިފެންޑަރުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް މޮއެސް ގަބޫލުކުރެ އެވެ. "ފޯވާޑް ލައިނުން ގިނަ ހަރަކާތްތަކެއް ފެންނާނެ. ފޯވާޑުން ފަޅި ބަދަލުކޮށް ކުޅޭ ނަމަ، ޑިފެންޑަރުންނަށް އޭގެ އުނދަގުލާއި ކުރިމަތިލާން ޖެހޭނެ." މޮއެސް ބުންޏެވެ.
މަޓާ އާއި ވެންޕާސީ އަދި ރޫނީ އެކުގައި ފުރަތަމަ ކުޅުނު މެޗުން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީ އަތުން ޔުނައިޓެޑް ބަލިވީ 2-1 ލަނޑުންނެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެންޕާސީ އެވެ. ލީގުގެ އެންމެ ފުލުގައި އޮތް ފުލަމް އާއި ދެކޮޅަށް ހަތްވަނާގައި އޮތް ޔުނައިޓެޑް މާދަމާރޭ ނުކުންނާނެ އެވެ. މިމެޗު ފެށޭނީ ރާއްޖޭގަޑިން 21:00 ގައެވެ.