ޖަރުމަނުގެ ހެއިލްބްރޮން ޔުނިވާސިޓީގައި ކިޔަވައިދޭ ބައެއްކޯސްތައް ރާއްޖޭގައި ކިޔަވައިދިނުމަށް ވިލާ ކޮލެޖާއި ހެއިލްބްރޮން ޔުނިވާސިޓީއާއި ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ.

އެ އެއްބަސްވުމުގައި ވިލާކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ. އަދި ހެއިލްބްރޮން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ރަތު ފްލެއުޗަލިސް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތައްފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ވިލާކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބެގެން ޖަރުމަނުގެ ހެއިލްބްރޮން ޔުނިވާސިޓީގައި ކިޔަވައިދޭ ޑިގްރީ ކޯސްތަށް ހެދޭނެކަމަށެވެ.

އޭނާ ވިދާޅުވީ އެ ޔުނިވާސިޓީއާއި ގުޅިގެން ކުރިޔައްގެންދާ ޑިގްރީ ކޯސްތަކުގައި ކިޔަވައިދިނުމުގެ އިތުރުން ކިޔެވުމަށް ބޭނުންވާ އިތުރު ރިސާޗްތައް ހެދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ވިލާކޮލެޖުގައި ހަދާ ކޯސްތައް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ގަބޫލުކުރާނެ ކަމަށާއި އެއީ ރާއްޖޭގެ ކިޔަވާކުދިންނަށް މަތީތައުލީމު ހާސިލް ކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ.

"މީގެ ސަބަބުން ކޯސްތަކުގެ ބައިވެރިންނައް ވެސް އޮތް އެންމެ ބޮޑު އުފަލަކީ މި އެއްބަސްވުމުގެ ދަށުން ކިޔަވައިދޭ ކޮންމެ ކޯހެއްގެ ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ގަބޫލުކުރާނެ،" ގާސިމް ވިދާޅުވިއެވެ.