އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ދެ އަންހެން ކުދީންނާ ޖިންސީ އަމަލު ހިންގި މީހަކު 18 އަހަރަށް ޖަލަށް ލުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ފުވައްމުލަކު ކޯޓުން ބުދަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ ގއ.ވިލިނގިލި މުރީދުގޭ އަހްމަދު ނަޒީރު،33 ގެ މައްޗަށެވެ.

ފުލުވައްމުލަކު ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ މެއި 18 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހާ ހަމައަށް ތަފާތު އެކި ދުވަސްމަތިން، ނަޒީރު އަށް އިތުބާރު ކުރަންޖެހޭ ދެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

ފުލުހުން ބުނީ ނަޒީރަކީ މާރާމާރީ ހިންގުމުގެ ކުށް ދެ ފަހަރެއްގެ މަތިން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމަށެވެ.