16 Dec 2010, 09:21
މިދިޔަ އާދިއްތަ ދުވަހު ތަރުކާރީ ފޮށިތަކެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައާ ގުޅިގެން ތިން ދިވެއްސަކު ހައްޔަރުކޮށް އިންޑިޔާގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނާއި ކަސްޓަމްސް އިން މިއަދު ބޭއްވި ޖޮއިންޓް ނިއުސް ކޮންފަރެންސެއްގައި ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވީ މަސްތުވާތަކެތީގެ އެ މައްސަލަ ކަސްޓަމްސް އިން ފުލުހުންނާ ހިއްސާ ކުރުމާ އެކު އެތަކެތި ދަނީ ކޮން ދިމާއަކަށްތޯ އާއި އެއީ ކޮން ބައެއް ހަވާލުވާ އެއްޗެއްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގައި ހައްޔަރު ކުރީ، ތިން ދިވެހިން ނަމަވެސް، ނަން ހާމަ ކުރެވޭ ހިސާބަށް ގޮސްފައި ވަނީ އޭގެ ތެރެއިން ދެ މީހެއް ކަމަށެވެ.
ފުލުހުން ނަން ހާމަ ކުރި ދެ މީހުންނަކީ ޏ. ފުވައްމުލަކު މިސްކިތްމަގު ޑެއިލީ ބްލޫ، އަބްދުއްލަތީފު މުހައްމަދާއި މާލޭ މުނިސިޕަލްޓީ ދަފުތަރު ހަސަން އަލީ އެވެ. މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މާލެއިން އެ ފޮށިގަނޑުތަކާ ހަވާލުވާން ދިޔަ ކާރެއްގެ ތެރެއިންނެވެ.
ޖިނާހު ވިދާޅުވީ ހައްޔަރު ކުރި ތިން މީހުން ވެސް، އެ މަސްތުވާ އެއްޗެއްސާ ގުޅިފައިވާ ކަމަށް ތަހުގީގަށް ވަރަށް ބޮޑަށް ޔަގީން ކުރެވިފައިވާ ކަމަށާއި ތިން މީހުންގެ ތެރެއިން ޝިޕްމަންޓްގެ އިސް މީހަކީ ފުވައްމުލަކު އަބްދުއްލަތީފު ކަމަށް ބެލެވޭ ކަމަށެވެ.
ބްލޫ ޑައިމަންޑް ނަމަކަށް ކިޔާ ސަފާރީ އުޅަނދެއްގެ ވެރިޔާ އަބްދުއްލަތީފަކީ މީގެ ކުރިން ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުންގެ ރިކޯޑްތަކުން ދައްކަ އެވެ. ވިޔަފާރިވެރިއެއް ކަމަށްވާ ލަތީފުގެ އާއިލާ ވެސް ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ. ޖިނާހު އަދި ވިދާޅުވީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކީ އެ ފޮށިގަނޑުތައް ރާއްޖެ ގެނައި އޮރެންޖް ބްލޫމްސް އާ ގުޅުން ހުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ އޭގެ ތެރެއިން ކާކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ސަރައްދުގެ ގައުމުތަކުގެ އެހީގައި ހޯދަމުންދާ އިންޑިޔާ މީހާއަކީ ރާޖޭޝްކިޔާ މީހެއް ކަމަށާއި އެއީ ޓްރެވިންޑްރަމްގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އެ މީހާއަކީ މީގެ ކުރިން ވެސް އެގޮތަށް ރާއްޖެ އަށް މަސްތުވާތަކެތި ފޮނުވާ މީހެއް ކަމަށް ބެލެވިފައިވާ ކަމަށެވެ.
އިންޑިޔާގެ ރާޖޭޝް މަސްތުވާތަކެތި ރާއްޖެ ފޮނުވާފައި ވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ "ބަރަކަތު އިންޓަނޭޝަނަލް އިންޕޯޓް އެންޑް އެކްސްޕޯޓް" ކުންފުނި މެދުވެރިކޮށް ކަމަށާއި ބަރަކަތު އިންޓަނޭޝަނަލް މެދުވެރިކޮށް ރާއްޖޭގެ އޯރެންޖް ބްލޫމްސް ކުންފުންޏަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި ބަރަކަތު އިންޓަނޭޝަނަލް އިން އޯރެންޖް ބްލޫމްސްއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިގެން މީގެ ކުރިން ކަސްޓަމްސާ ހިއްސާ ކޮށްފައިވާނެ. އެހެންނަމަވެސް މިތަކެތި ހޯދާފައި ވަނީ ސީދާ ކަސްޓަމްސްގެ މަސައްކަތުން،" ޖިނާހު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މިއީ ބަރަކަތު އިންޓަނޭޝަލާ ގުޅިގެން ރާއްޖެއަށް މަސްތުވާތެކެތި އެތެރެ ކުރި ފުރަތަމަ ފަހަރު ކަމަށް ނުބެލެވޭ ކަމަށެވެ.
ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ހިންގާފައި ވަނީ އެ ތަކެތި ކްލިއާ ކުރި "ބޮނިޓޯ ގްރޫޕް"ގެ އެހީތެރިކަން ވެސް ހޯދައިގެނެވެ. އެ ގޮތުން ޑިސެމްބަރު 14، 2010 ވަނަ ދުވަހު މާލޭ ހުޅަނގު ދެކުނު ފަރާތު ޖެޓީއަށް ތަކެތި ބޭލިއިރު ކާރެއްގައި އެތަކެއްޗާ ހަވާލުވާން ބަޔަކު ގޮސް، ކާރަށް އަރުވައިގެން ނައްޓާލަން މަސައްކަތް ކުރަނިކޮށް ފުލުހުން ހިފަހައްޓައި ކާރުގައި ތިބި މީހުންގެ ހާޒިރުގައި ފާސް ކުރުމަށް ފަހު ހައްޔަރު ކުރީ އެވެ.
މިދިޔަ އާދީއްތަ ދުވަހު ކޮލަންބޯ މަގުން އައި ޔޫއެލްގެ ޕްލައިޓަކުން ގެނައި އެ މަސްތުވާތަކެތި ހުރީ އެއާ ކާގޯގެ ތަރުކާރީ ޝިޕްމަންޓެއްގެ ތެރޭގަ އެވެ. އެތަކެތި އަތުލައިގަތީ އެއާ ކާގޯ ސެކްޝަނުގެ މުވައްޒަފުން އެ ޝިޕްމަންޓް ޗެކްކުރި ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅައި ބަންދުކޮށްފައިވާ ފަސް ޕެކެޓް އެ ފޮށިގަނޑުގެ އަރިމަތީގައި ފޮރުވާފައި ހުއްޓައި ފެނިގެން ކަމަށް ވެސް ކަސްޓަމްސުން ބުނެ އެވެ.
އަދި އެތަކެތި މުދާ ކްލިއާ ކުރާ ފަރާތުގެ ހާޒިރުގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިސް އޮއިލް އަށް ޕޮސިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިނާ އެކު ޖުމްލަ 1070 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސުން ބުނެ އެވެ.
ފުލުހުން ބުނީ މި މަސްތުވާތަކެތީގެ ސްޓްރީޓް ވެލިޔޫ ބައި މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.