ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ ދައުވަތަކަށް ބަހުރެއިން ރޯޔަލް ޕޮލިސް އެކަޑަމީގެ ކޮމަޑާންޓް ކާނަލް ޝެއިޚް ހައްމާދު ބިން މުހައްމަދު އަލްޚަލީފާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންނެވުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ސައުދީ އާއި އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ސުޖާއުއެވެ.

ބަހުރެއިން ރޯޔަލް ޕޮލިސް އެކަޑަމީގެ ކޮމަޑާންޓް މިއަދު ރާއްޖެ ވަޑައިގެންފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ ދައުވަތަކަށް އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ދެވަނަ ކޮންވޮކޭޝަން ޑޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވުމަށްޓަކައިއެވެ. މީގެއިތުރުންވެސް އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދުއާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ދެވަނަ ކޮންވޮކޭޝަން ޑޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރު އެ އިންސްޓިޓިއުޓުން ހިންގާފައިވާ ޑިޕްލޮމާ އަދި ސެޓްފިކެޓް ކޯސްތަކުން ފާސްވެފައިވާ ދަރިވަރުންނަށް ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއާއި ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީ ގުޅިގެން ހިންގި ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް ކޯހާއި އައިލްސް އާއި ސްކޮޓިޝް ޕޮލިސް ގުޅިގެން ހިންގި ޑިޕްލޮމާ އިން ޕޮލިސް މެނޭޖްމަންޓް ކޯހުން ފާސްވެފައިވާ ފަރާތްތަކަށް ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ.