ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަން އިން ގދ. ގައްދޫ ދާއިރާ އަށް މެމްބަރަކު ނުނެރުމަށް އެމްޑީއޭ އިން ޕީޕީއެމްއަށް އަންގައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދާއިރާތައް ބަހާލި އިރު ގައްދޫ ދާއިރާ ދީފައި ވަނީ އެމްޑީއޭ އަށެވެ.
ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ސްލޮޓަށް އެމްޑީއޭގެ ފަރާތުން ކެންޑިޑޭޓަކު ނުނެރުނު ނަމަވެސް އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަށް ތާއީދު ކުރަން އެ ޕާޓީ އިން ވަނީ ނިންމައިފި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު މިއަދު ސަން އަށް ވިދާޅުވީ ޒާހިރު އަށް ތާއީދުކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން ނިންމާފައި ވާތީ ގައްދޫ ދާއިރާ އަށް ޕީޕީއެމް އިން ކެންޑިޑޭޓަކު ނުނެރުމަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ.

"އެ ދާއިރާ އަކީ އަޅުގަނޑުމެންގެ ސުލޮޓެއް، އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ އެގޮތަށް ޕީޕީއެމް އިން އަމަލުކުރާނެކަމަށް،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭ އިން ޒާހިރުއަށް ތާއީދުކުރުމަށް ނިންމާފައިވާ އިރު ޕީޕީއެމް އިން ވަނީ އެ ދާއިރާ އަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޯދުމަށް އިއުލާން ކޮށްފައެވެ. އަދި ޕީޕީއެން އިން އެ ދާއިރާ އަށް ކުރިމަތިލާ ފަރާތްތަކުގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީ އިން ބުންޏެވެ.