08 Feb 2014, 16:42
އަންނަ މަހު 22ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށްޓަކައި މިއަދު ބާއްވާ 25 ދާއިރާއެއްގެ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި އަތޮޅުތަކުގައި ފަށައިފި އެވެ.
މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 10:00 އަށް ކުރިއަށްދާ ޕްރައިމަރީގައި މާލޭގައި ތިބި އަތޮޅުތަކުގެ މީހުން ވޯޓުލަނީ ދަރުބާރުގެ އާއި ތާޖުއްދީން ސްކޫލާއި ސިޓީ ކައުންސިލާއި އެމްޑީއޭގެ މައި ޖަހަގަ ހ. ސަން އާއި އިތުރުން ހުޅުމާލޭގަ އެވެ.
ޕީޕީއެމް ޕްރައިމަރީ ބާއްވާ މާލޭގެ ދާއިރާތަކަކީ ހުޅުހެންވޭރު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި ގަލޮޅު އުތުރު ދާއިރާ އާއި މައްޗަންގޮޅި ދެކުނު އާއި މައްޗަންގޮޅި އުތުރު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާ އާއި ދުވާފަރު ދާއިރާ އެވެ.
ދުވާފަރު ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ފުލިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ދާންދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާ އާއި ގެމަނަފުށީ ދާއިރާ އާއި މަޑަވެލީ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާ އާއި ފުވައްމުލަކު މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާގެ އިތުރުން ހިތަދޫ މެދު ދާއިރާ އެވެ.
ޕީޕީއެމް ޕްރައިމަރީގެ ހަ ދާއިރާއެއްގެ ވޯޓުލުން މާދަމާއަށް ވަނީ ފަސްކޮށްފަ އެވެ. އެއީ ގަމު ދާއިރާ އާއި އިސްދު އާއި މާވަށު އާއި ފުވައްމުލަކު އުތުރު ދާއިރާ އާއި ފޭދޫ ދާއިރާގެ އިތުރުން މަޑުއްވަރީ ދާއިރާ އެވެ.
މަޖިލިސް އިންތިހާބުގައި 49 ގޮނޑިއަކަށް ޕީޕީއެމް އިން ނުކުންނަ އިރު، 17 ދާއިރާ އަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ 13 މެމްބަރަކު ހިމެނެ އެވެ.