08 Feb 2014, 14:52
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މ. ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މުހައްމަދު ހުސައިން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމް ހަވާލުކުރައްވާފަ އެވެ. މުހައްމަދު ހުސައިންއަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަނޑިތީމް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މުހައްމަދު ހުސައިން އެ ޕާޓީއާ ގުޅިވަޑައިގަތީ ޓިކެޓު ހޯއްދެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އޭނާއަކީ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީއާ އެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން މުހައްމަދު ހުސައިން ދާއިރާގެ ތަރައްގީއަށް ކުރައްވާފައިވާ މަސައްކަތްތައް އެނގިވަޑައިގެންނެވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ށ. އަތޮޅު ކައުސިލްގެ ރައީސް މުހައްމަދު އާރިފް ވިދާޅުވީ މުހައްމަދު ހުސައިނަކީ ފާއިތުވި ތަނުގައި ކަނޑިތީމް ދާއިރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންކަމުން މިފަހަރުވެސް އެދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ.