އަމިއްލަ އިސްނެގުމަށް ޝަރީއަތް ހިންގާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އެ ގަވާއިދު އާންމުކޮށްފި އެވެ.

"ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ހިންގާ ސުމޯޓޯ ގަޒިއްޔާތައް ހިންގުމުގައި ޢަމަލުކުރާނެ އިޖްރާއީ އުސޫލުތައް ބަޔާންކުރާ ގަވާއިދު"ގައި، ބަޔަކު ދައުވާ ހުށަނާޅަނީސް އަމިއްލަ އަށް އެ ކޯޓުން ޝަރީއަތް ހިންގާނެ ގޮތް ބަޔާން ކޮށްފައިވެ އެވެ.

ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އެ ގަވާއިދުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ގާނޫނު އަސާސީ ނެގެހެއްޓުމަށް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ހިންގާ ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ބަލާ މައްސަލައަކީ މުޅި މުޖްތަމައުއާ ގުޅުން ހުރި މައްސަލައެއް ނަމަ މައްސަލައިގައި އަސްލު ހިމެނޭ ފަރާތުގެ އިތުރުން ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވެސް ޝަރީއަތަށް ހާޒިރު ކުރެވިދާނެ އެވެ.

"ސުމޯޓޯ" ގަވާއިދުގެ ދަށުން ބަލައި މައްސަލައެއްގައި އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު ބަލަންޖެހޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

މީގެ ކުރިން މި ގަވާއިދު ނެތީސް ސުޕްރީމް ކޯޓުން ވަނީ ބޮޑެތި މައްސަލަތަކެއް ބަލައިފަ އެވެ. އެގޮތުން ޖުޑީޝަލް ކައުންސިލް އުވާލުމުގެ މައްސަލަ އާއި އައްޑޫ ސިޓީ، ސިޓީއެއްގެ ގޮތުގައި ހަމަޖެއްސި މައްސަލަ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ ބ. އުވާލި މައްސަލަ ހިމެނެ އެވެ.