ޅ. ފެލިވަރުގައި އެއާޕޯޓް އެޅުމަށް ބޭރުގެ ތިން ކުންފުންޏަކާއި އެކު ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު "ސަން" އަށް ވިދާޅުވީ ފެލިވަރު އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުވޭތުގެ ކުންފުންޏަކާއި ޔޫކޭގެ ކުންފުންޏެއްގެ އިތުރުން ދިވެހި ކުންފުންޏަކާއި ގުޅިގެން އުފައްދާފައިވާ ލަންކާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ދިވެހި ތިން ކުންޏަކީ ކޮބައިކަން އަދި ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް އެއާޕޯޓް އެޅުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ސަން އަށް ވަނީ އެނގިފަ އެވެ.

ފެލިވަރު އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލީ މި ދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އަދި ބިޑު ހުށަހެޅުމުގެ މުއްދަތު ބުރާފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ.

ފެލިވަރުގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓަކީ 1800 އަކަފޫޓުގެ ރަންވޭއަކާ އެކު ޖެޓްތަކަށް ޖެއްސޭގޮތަށް ތަރައްގީ ކުރުމަށް ހަމަ ޖެހިފައިވާ އެއާޕޯޓެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ އެއާޕޯޓް ހަދާ ކުންފުންޏަކަށް ރިސޯޓް ހިންގުމަށް ޓަކައި ޅ. މަޑިވަރު ލިބޭ ގޮތަށް އެއާޕޯޓް އެޅުމަށް ހަވާލުކުރުމަށް ހަމަ ޖެހިފައި ވަނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ މައުލޫމަތުދީފަ އެވެ.