މަސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަން)އިން އިސްނަގައިގެން، ހުނަރުވެރި މާކެޔޮޅުން (މާސްޓަ ފިޝަމަނުން) ތަމްރީން ކުރަން ފަށައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ ހުނަރުވެރި މާކެޔޮޅުން ތަމްރީނު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އިން ހިންގާ ކޯސްޓަލް ނެވިގޭޝަން ކޯހުގައި ޖީސީއީ އޯ ލެވެލް ފެންވަރުގެ ހަ މަސްވެރިއަކު ބައިވެރިކޮށްފައިވާ ކަމަށެވެ. އެކޯސް ފުރިހަމަ ކުރުމުން، ނެވި ކަމާއިބެހޭ ތަމްރީންތަކާއި، ކަނޑުމަތީގެ ސަލާމަތާއި، ރައްކާތެރިކަމާބެހޭ ތަމްރީންތަކާއި، ފަސްޓް އެއިޑްގެ ތަމްރީންތައް ލިބޭނެ އެވެ.

މަސްވެރިންގެ ޖަމިއްޔާއިން ބުނީ ހަ މަސްވެރިން ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަ ކުރުމަށް ފަހު ފިޝަރީޒް ކޮމިއުނިޓީ ޓްރެއިނިންގ ސެންޓަރުން މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ހިންގާ މެރިން އިލެކްޓްރިކް ވަޔަރިން ކޯހާއި، އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭކޯހުގެ އިތުރުން މެރިން ބަޔޮލޮޖީ އާއި، ޕޯސްޓް ހާވެސްޓް ޓެކްނޮލޮޖީ އާއި އޮންބޯޑް ފިޝް ހޭންޑްލިން އަދި މަސްވެރިކަމާއި ގުޅޭ ތަފާތު ޓެންނޮލޮޖީތައް ދަސްކުރުމުގެ ކުރު ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކުރާނެ ކަމަށެވެ.

މަސްވެރިންގެ ޖަމިއްޔާގެ އަމާޒަކީ ދުނިޔެ ޤަބޫލްކުރާ ފެންވަރުގެ ދިވެހި މާސްޓަރ ފިޝަމަނުން ތަމްރީންކޮށް، ރާއްޖެއާއި ރާއްޖޭންބޭރުން ކަމާއިގުޅޭ ތަޖުރިބާއާއި ތަމްރީން ހޯދައިދިނުން ކަމަށް އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބުދުﷲ ޝާކިރު މުހައްމަދު ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވީ ތަމްރީންތަކުގެ ތެރެއިން ހުނަރުވެރި މާކެޔޮޅުން (މާސްޓަރ ފިޝަމަނުން) ތަމްރީންކުރުމަށް ބޭނުންވާ މުޤައްރަރެއް އެކުލަވާލާ އެ މުޤައްރަރާއި އެއްގޮތަށް މަސްވެރިންގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ ވެސް ޖަމިއްޔާގެ އަމާޒެއް ކަމަށެވެ.