ހދ. ހަނިމާދޫ ރައްޔިތުން ބޭނުންވާ ސަރަހައްދުން ހއ. ހަތިފުށީ ރައްޔިތުންނަށް ގޯތިދޭ ގޮތަށް މަތި އުތުރު ޕްރްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނައިފު ހަމަޖައްސަވައިފި އެވެ.


ހަނިމާދު އަށް ހިޖުރަ ކުރި ހަތިފުށީ ރައްޔިތުންނަށް 64 ގޯތި ދިނުމަށް އެންމެ ފުރަތަމަ  ހަމަޖައްސާފައި އޮތީ އެ ރަށު އުތުރުގައި އޮންނަ ރުއްގަޑަނކުންނެވެ. ނަމަވެސް ހަތިފުށީ ރައްޔިތުންނަށް އެ ރަށު ބޯޅަދަނޑުގެ ފުރަގަހުން ގޯތިދޭން ނިންމުމާ ގުޅިގެން ހަނިމާދޫ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެ އެވެ.


މިއަދު ހެނދުނު ސްޓޭޓް މިނިސްޓަރު ހަނިމާދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ގޯތި ދިނުމަށް ހަމަޖެއްސެވީ ރުއްގަނޑުން ކަމަށް ވިދާޅުވެ މައްސަލަ ހައްލުކުރައްވާފައިވާ ކަމަށް ހަނިމާދޫ ކަތީބު އިބްރާހިމް އަލީ ވިދާޅުވި އެވެ.


އެ މައްސަލައިގައި އެ ރަށު އޮފީސްދޮށަށް އިއްޔެ ހެނދުނު އެއްވި 50 އަށް ވުރެ ގިނަ މީހުން އެނބުރި ގޮސްފައި ވަނީ ހަވީރު އިރުއޮއްސެން ގާތްވި ފަހުން ކަމަށް ރަށު އޮފީހުން ބުނެ އެވެ. އެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އިއްޔެ ދިޔަ މަތި އުތުރު ޕްރޮވިންސްގެ ދެ އޮފިޝަލަކު އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓާފައި ވެސްވެ އެވެ. ނަމަވެސް އިއްޔެ ހަވީރު އެ ދެ އޮފިޝަލުން ދޫކޮށްލާފައި ވަނީ ސްޓޭޓް މިނިސްޓަރު އެ ރަށަށް ވަޑައިގަތުމަށް ޝަރުތު ކުރުމަށް ފަހު އެވެ.


ހަނިމާދޫ ރަށު އޮފީސް ދޮށަށް އިއްޔެ އެއްވި މީހަކު ބުނީ އެ މީހުން އެ މައްސަލައާ ދެކޮޅުހަދަން ޖެހުނީ ކުރިން ގޯތިދޭން އުޅުނު ތަން ބަދަލުކުރި އިރު ވެސް ރައްޔިތުންނަށް އެކަން އަންގާފައި ނުވުމުން ކަމަށެވެ.  


ރަށު އޮފީސް ދޮށަށް އެއްވެ ނުރުހުން ފާޅުކުރަމުން ދިޔަ އެއްވެސް މީހަކު ހަމަނުޖެހުމެއް ހިންގާފައި ނުވާކަމަށް ރަށު އޮފީހުން ބުންޏެވެ.