ޔޫތު މިނިސްޓްރީ އިން އިސްނަގައިގެން ސަލްޓަންޕާކް ތަރައްގީ ކުރުމުގެ މަޝްރޫއެއް ފައްޓައިފި އެވެ.

އެ މަޝްރޫގެ ދަށުން މިއަދު ވަނީ ސަލްޓަންޕާކް އެއްކޮށް ސާފުކޮށްފަ އެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވީ ސަލްޓަން ޕާކް އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ކުރީގެ ސަލްޓަން ޕާކްގައި އޮތް ފަދަ ރީތިކަމެއް ގެނައުމަށް ޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމުގަ އެވެ.

އެގޮތުން ސަލްޓަން ޕާކް ވަށައިގެން ފެންސު ޖެހުމާއި ވެޑިން ޕާޓީތަކާއި ކުޑަކުދިންގެ ތަފާތު ޕާޓީތައް ވެސް ބޭއްވޭ ފަދަ ގޮތަކަށް ޕާކް ތަރައްގީ ކުރުމުގެ އިތުރުން އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ބޭނުންވާ އެކިއެކި މައުލޫމާތުތައް ލިބޭ ފަދަ ޓޫރިސްޓް އިންފޮމޭޝަން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން ސަލްޓަން ޕާކް ތެރޭގައި ރީތި މާގަސްތައް އިންދައި ހިތްގައިމު ތަނަކަށް ސަލްޓަން ޕާކް ހައްދަވާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މަލީހު އިތުރަށް ވިދާޅުވީ ސަލްޓަން ޕާކަކީ މާލޭގެ "މޫނުމައްޗަށް"ވާ އިރު އެތަނަށް ކުނިއެޅުން ފަދަ މައްސަލަތައް ވެސް އާންމުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް މާލެ އާ މެދު ދެކޭގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އެހެންކަމުން އެފަދަ މަޝްރޫއެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ސަލްޓަން ޕާކަކީ އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް ހިތްހަމަޖެހޭ ފަދަ މަންޒިލަކަށް ހެދުން ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.