ވައިޓް ހައުސް (ފެބްރުއަރީ 8): އެމެރިކާގެ ރިޔާސީ އެކުވެނި ކަމަށްވާ ވައިޓް ހައުސްގެ ގޯތީގެ ބޭރުފާރުމަތިން އެތާގެ ގޯތިތެރެއަށް ދެދަބަސް ހިފައިގެން ފުންމާލި މީހަކު، ހައްޔަރުކޮށްފި އެވެ.

ވޮޝިންޓަނުގެ ފުލުހުންނާ ޙަވާލާދީ އެމެރިކާގެ ޚާބަރުފަތުރާ ވަސީލަތްތައް ބުނި ގޮތުގައި އެ ހާދިސާއާ ގުޅިގެން ވައިޓް ހައުސް ހުންނަ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމަށް ފަހު މިހާރު ވަނީ އަލުން ހުޅުވާފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ޚާއްސަ ކޮށްފައިވާ ބާރުތައް ކަމަށްވާ "ޔޫއެސް ސިކްރެޓް ސާވިސް"ގެ ތަރްޖަމާނަކު އިޑް ޑޮނޮވެން ވަނީ މިމީހާ ދެ ދަބަސް ހިފައިގެން ވައިޓް ހައުސްގެ ބޭރުފާރުމަތިން ކުއްލި ގޮތަކަށް ފުންމާލުމުން އެބާރުތަކަށް ކުއްލި ޝޮކެއް ލިބުނުކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

ނަމަވެސް އެމީހާ ބަލައި ފާސްކުރުމަށް ފަހު އެމީހާގެ ހަށިގަނޑުގައި ވެސް އަދި އެމީހާގެ އަތުގައިވާ ދެ ދަބަހުގައި ވެސް އެއްވެސް އެއްޗެއް ނެތް ކަމަށް ޑޮނޮވެން ވިދާޅުވި އެވެ. މިއާއެކު ވެސް އެމީހާއަކީ ކޮން ގައުމެއްގެ ކާކުކަމާއި އެމީހާ ވައިޓް ހައުސްގެ ފާރުމަތިން ފުންމާލި ސަބަބު ސިކްރެޓް ސާވިސްއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެމީހާ ވައިޓް ހައުސްގެ ފާރުމަތިން ފުންމާލި މައްސަލަ ތަހްގީގުކޮށް އެމީހާގެ މައްޗަށް ދައުވާ އުފުލަން ގަސްދުކުރާކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނުވެ އެވެ. މިހާދިސާ ހިނގި އިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އުޅުއްވާކަމަށް ވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޝިގަން ގަ އެވެ.

ވައިޓް ހައުސްއަށް ޙަމަލާ ދިނުމަށް ނޫނީ އެމެރިކާގެ ރައީސުންނާ ދެކޮޅަށް މިބާވަތުގެ ގޯނާ ކުރުމުގެ އަމަލުތައް ހިންގުމަށް މަސައްކަތްކޮށްފައިވާ ފަރާތްތަކަކީ "މޮޔައިން" ކަމާއި އެފަދަ މީހުންގެ މާބޮޑު މަގްސަދެއް ނޯންނަކަން އެމެރިކާގެ ސިކްރެޓް ސާވިސް އިން ސިފަކުރަމުން ގެންދެ އެވެ. ނަމަވެސް އެފަދަ މީހުންނަކީ މޮޔައިންކަމާއި އެމީހުންގެ މަގްސަދްތަކާ މެދު މުސްތަގިއްލު ފަރާތަކުން އެއްވެސް ރައުޔެއް ހާމަކޮށްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)