08 Feb 2014, 09:57
ވޮޝިންޓަން (ފެބްރުއަރީ 8): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި އެމެރިކާގެ ދާޚިލީ އަމަނާ ބެހޭ ވަޒީރު ޖީ ޖޯންސަން ސިފަކުރައްވައިފި އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ދާޚިލީ ވަޒީރުންނާ ޕޮލެންޑްގައި ބައްދަލުކުރެއްވުމަށް ފަހު ޖޯންސަން ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ހަނގުރާމަވެރިން ސޫރިޔާ އަށް ޖަމާވެ އެއްވެސް ބައެއްގެ ކޮންޓްރޯލް ނެތް ހަނގުރާމަވެރިންގެ ހާއްޔަކަށް ސޫރިޔާ ބަދަލުވެފައިވާ މައްސަލާގައި އެމެރިކާ ކަންބޮޑުވާ ކަމަށާ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ މައްސަލައަކަށް މިކަން ވެއްޖެ ކަމުގަ އެވެ. މިމައްސަލާގައި ކަންބޮޑު ވަނީ ހަމައެކަނި އެމެރިކާ ނޫން ކަމަށާއި އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތައް ވެސް ސޫރިޔާގައި ހަރަކާތްތެރިވާ އެއްވެސް ބައެއްގެ ކޮންޓްރޯލް ނެތް ހަނގުރާމަވެރިންނާ މެދު ކަންބޮޑުވެފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އެމެރިކާގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި ސަރުކާރު ސިފައިންނާއި ހަނގުރާމަވެރިން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި ދުނިޔޭގެ އެއްވެސް ބަޔަކު ފަހުގެ ތާރީޚެއްގައި ތަހައްމަލް ކުރަން ޖެހިފައިނުވާ ފަދަ އަނިޔާތަކާއި ވޭނާއި އިންސާނީ ކެކުޅުންތައް ސޫރިޔާގެ ކުޑަކުދިން ތަހައްމަލް ކުރަމުން ގެންދާކަން އދ. ވަނީ ހާމަކޮށްފަ އެވެ.
އަނެއްކޮޅު ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ޙިސާރުކޮށްފައިވާ ޙިމްސްގައި ތާށިވެފައިވާ އާންމުންގެ 83 މީހުން ވަނީ އެ ރަށުން ބޭރުކޮށްފަ އެވެ. ހަނގުރާމަވެރި ޖަމާއަތްތަކާއި ސޫރިޔާ ސިފައިންގެ އެއްބާރުލުމާ އެކު އދ. އާއި ސޫރިޔާގެ ރެޑް ކްރެސެންޓް ޖަމާއަތް ގުޅިގެން ނެރެވުނު މި 83 މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިން ބަދަލުކުރަމުން ގެންދާ ޙަމަލާތަކުގައި މި 83 މީހުން ތާށިވެފައިވާތާ މިހާރު ވަނީ ހައެއްކަ މަސްވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ޙިމްސްގައި ތަށިވެފައިވާ ސޫރިޔާގެ އާންމުން ސަލާމަތް ކުރުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ޓަކައި ތިންދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިން ވަނީ އެއްބަސްވެފަ އެވެ. (ރޮއިޓާސް)