07 Feb 2014, 23:00
އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ނުކުންނަނީ "އިތުރު ތަޖުރިބާތަކާ އެކު، އާ ހިތްވަރަކާ އެކު ރާއްޖެ އަށް ހިދުމަތް ކުރުމަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީސް ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފު ދައްކަވަމުން ނަޝީދު ވިދާޅުވީ މިފަހަރު އެމްޑީޕީން ނުކުތީ "ފުން އަސަރާ އެކު" ދިވެހި ރައްޔިތުންނަށް "މިނޫން" ގޮތެއް އޮތްކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން އަނެއްކާ ވެސް މިރޭ ދިވެހި ރައްޔިތުންނަށް އުންމީދު އާލާ މިކޮށްދެނީ ގޯޗެއް ލިބިދާނެ ކަމުގެ، ވަޒީފާއެއްގެ ފުރުސަތު ހޯދާދެވިދާނެ ކަމުގެ، ބޭސްފަރުވާ ލިބިދާނެ ކަމުގެ، އެކަނިވެރި ހާލުގައި ޖެހެން ނުޖެހޭނެ ކަމަށް. ދަރިންނަށް ރަނގަޅު ތައުލީމެއް ދެވިދާނެ ކަމަށް، އަޅުގަނޑުމެން މި ވައުދުވަނީ އަނެއްކާ ވެސް ތިޔަ ބޭފުޅުން އަނެއް ދިވެހި ރާއްޖެއަށް ގެންގޮސްދޭނެ ކަމުގެ،" ނަޝީދު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ހައްގީ މިއަދު މިލިބޭ މިންވަރު ނޫންކަމަށާއި މިއީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީ އިން "ވެއްޓުނީމާ ބާރަށް ތެދުވެ ދުއްވައި މި ގަންނަނީ" ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އުންމީދުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ "އެއްވެސް އިރެއްގައި މިޕާޓީ އަށް މުހިންމީ އަޅުގަނޑުގެ ރައީސް ކަމެއް ނޫން، މި ޕާޓީ އަށް މުހިންމީ ރައްޔިތުންނަށް ހެޔޮގޮތް ވުން" ކަމަށެވެ.
ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި "ތިލަފަތަށް ވޯޓް" ދިނުމަށް އެދިވަޑައިގެންފަ އެވެ. ތިލަފަތަށް ވޯޓްދޭން ޖެހެނީ ޝަރުއީ ދާއިރާ ބާރުވެރި ކުރުމަށާއި ވެރިކަމުގެ ބާރުތައް އެއްވިޔަ ނުދިނުމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ހޯދުމަށާއި ސަލާމަތާއި އުފަލަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ސަރުކާރަށް 100 ދުވަސް ވެފައިވާ އިރު "ވަޒީފާ އުފައްދާނަމޭ ކިޔާ ވަޒީފާ ބެހުނީ އާއިލާގެ ތެރޭގައި" ކަމަށެވެ. ތަރައްގީގެ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. "ތަރައްގީގެ މަސައްކަތްތައް ހުއްޓިފައި ވަނީ ގުޅިގެން ސަރުކާރު ހިންގާނެކަމަށް ބުނެ އަމިއްލަ މަސްލަހަތަށް ކުރާ މަސައްކަތުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އިން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ އެ ޕާޓީ އަށް ތާއީދުކުރައްވާ މެމްބަރުންގެ ކުރިމަތީގައި ވަފާތެރިވާނެ ކަމުގެ އިގްރާރެއް އިއްވާފަ އެވެ.