ލޯކަލް ކައުންސިލްގެ އިންތިހާބަށް ހޯމް މިނިސްޓްރީގެ ދާއިރާތަކުން ކުރިމަތިލި 59 މުވައްޒަފަކު، ގާނޫނުގައިވާ ގޮތުގެމަތީން، އެ މީހުން އަދާކުރަމުން ދިޔަ ވަޒީފާތަކުން ސަސްޕެންޑްކޮށްފި އެވެ.


ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 13 ވަނަ  މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން އެ 59 މުވައްޒަފުން އިއްޔެ އިން ފެށިގެން ސަސްޕެންޑް ކުރީ، އިންތިހާބުގައި ބައިވެރިވާ ހިސާބުން ފެށިގެން ވަޒީފާ އަށް ނުކުތުމަށް ގާނޫނު ތަން ނުދޭތީ ކަމަށެވެ.


ލޯކަލް ކައުންސިލް އިންތިހާބުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ލޯކަލް ކައުންސިލުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަކަށް ސިވިލް ސާވިސްގައި ހިމެނޭ މީހަކު ކުރިމަތިލައިފި ނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެ މީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއަކުން ސަސްޕެންޑްވީ ކަމަށެވެ.


ހޯމް މިނިސްޓްރީގެ ދާއިރާތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައިފާ މީހުންގެ ތެރޭގައި ރައްރަށުގެ ކަތީބުންނާއި ކުޑަ ކަތީބުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި ކޭޝިޔަރުން ފަދަ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.


އަންނަ ފެބުރުއަރީ މަހު 5 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު މުޅި ރާއްޖޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.