07 Feb 2014, 19:24
މާލިއްޔަތު ގާނޫނާއި އެއްގޮތަށް މާލީ ހިސާބު ތައްޔާރުކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ތައުލީމީ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ބާއްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބަޖެޓް ވަކިކުރި ސްކޫލްތަކާއި މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތައް ބޭއްވި އެ ވޯކްޝޮޕްގައި މާލިއްޔަތު ގާނޫނާ އެއްގޮތަށް ސައްހަ މައުލޫމާތު ހިމަނައިގެން މާލީ ހިސާބު ތައްޔާރުކުރާނެ ގޮތް ދަސްކޮށްދެވިފައިވާނެ ކަމަށެވެ.
"އެވޯކްޝޮޕްގައި އޮޑިޓާ ޖެނެރަލް ގަބޫލުކުރައްވާ ފެންވަރަށް ސުކޫލުތަކުގަ އާއި ޑިޕާޓްމަންޓްތަކުގައި މާލީހިސާބު ތައްޔާރުކުރާނެގޮތުގެ މައުލޫމާތުދީ އަމަލީގޮތުން އެމަސައްކަތް ކުރުވައިގެން މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރެވުނު." މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓަރީން ބުނީ މިމަހުގެ ތިނަކުން އިއްޔެގެ ނިޔަލަށް، އޮޑިޓާ ޖެނެރަލް އޮފީހުގެ ފަންނީ ބޭފުޅުން ކިޔަވައިދެއްވި އެ ވޯކްޝޮޕްގައި އަތޮޅުތެރޭގެ ބަޖެޓް ވަކިކުރި ސްކޫލްތަކުންނާއި މާލޭގެ ސްކޫލްތަކާއި މިނިސްޓްރީގެ ސެކްޝަންތަކާއި ޑިޕާޓްމަންޓްތަކުން ޖުމްލަ 101 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން އިއުލާނުކޮށްގެން ބީލަން އުސޫލުން ކުރުވާ އެކިއެކި މަސައްކަތްތަކާއި ޚިދުމަތާއި ތަކެތިހޯދުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއަށް މަގުފަހިވެދާފަދަ ގޮތްގޮތަށް ހިނގާ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް އެންޓިކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ބާއްވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.