07 Feb 2014, 18:45
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެއްފެންވަރަކަށް ދާން ބޭނުންވާ ކަމަށް ޗެލްސީގެ ޒުވާން ހުނަރުވެރި މިޑްފިލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.
ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންދާ ހަޒާޑް ބީބީސީ ފުޓްބޯލް ފޯކަސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ ބާސާގެ ފޯވާޑް މެސީ އާއި ރެއާލްގެ މެޑްރިޑްގެ ހުނަރުވެރި ފޯވާޑް ރޮނާލްޑޯ އަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ.
"މެސީ އާއި ރޮނާލްޑޯ މެޗެއްގައި ދެތިން ގޯލް ޖަހާ. އެ މީހުންގެ ފެންވަރަށްދާން އެވަރަށް ގޯލް ޖަހަން އަމާޒް ހިފަންޖެހޭ. އަދި އެ ފެންވަރަށްދާން ފަރިތަކުރުންތަކުގައި ބުރަ ކޮށް މަސައްކަތް ކޮށް ދަނޑު މަތީގައި މޮޅު ކުޅުމެއް ދައްކަންޖެހޭ." ހަޒާޑް ބުންޏެވެ.
ފްރާންސްގެ ކްލަބެއް ކަމަށްވާ ލިލް އިން 2012 ވަނަ 32 މިލިއަން ޔޫރޯގެ ފީއަކަށް ޗެލްސީއަށް ބަދަލުވި ބެލްޖިއަމްގެ ހަޒާޑް މިހާރުވެސް ވަނީ ޗެލްސީއަށް އޭނާ ކުޅުނު 34 މެޗްގައި 11 ގޯލް އެ ކްލަބަށް ކާމިޔާބު ކޮށްދީފަ އެވެ.