ވަޒީފާ ނެތުމުގެ މައްސަލައާއި ސިޔާސީ ފަރާތްތަކުގެ ކަރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ބޮސްނިއާގައި މިހާރު ކުރަމުންދާ މުޒާހަރާތައް އިތުރަށް ފެތުރި ގައުމުގެ މަސްލަހަތު ގޯސްވާން ފަށައިފި އެވެ.

ބޮސްނިއާގެ ސިޓީއެއް ކަމަށްވާ ޓުޒްލާ ގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ މިހާތަނަށް 130 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު އެ ސިޓީގެ މުއައްސަސާތަކުން ވަނީ ސްކޫލްތައްވެސް މިއަދު ބަންދުކުރަން އަންގާފަ އެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ފުލުހުންގެ 104 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އާންމުންގެ 30 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އިއްޔެގެ މުޒާހަރާގައި ޓުޒްލާ ގައި ހުރި ސަރުކާރުގެ އިމާރާތަކަށް މުޒާހަރާގެ ބައިވެރިން ގަލާއި ބިސް އުކާފައިވާއިރު މުޒާހަރާ ހޫނުވާން ފެށުމުން އެގައުމުގެ ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ.

މިއަހަރު ބޮސްނިއާގައި ބާއްވާ އެ ގައުމުގެ އިންތިހާބާއި ދިމާކޮށް އެ ގައުމަށް ދިމާވެފައިވާ ވަޒީފާ ނެތުމާއި ސިޔާސީ ފަރާތްތަކުގެ ކޮރަޕްޝަންގެ މައްސަލައާއި މެދު އަޑު އުފުލުމަށް މިހާރު ކުރަމުންދާ މުޒާހަރާތައް އެގައުމުގައި މިއަދުވެސް ކުރިއަށްދާއިރު އެގައުމުގެ އެހެން ސިޓީތަކުން ވެސް މުޒާހަރާ އާއި ގުޅޭނެ ކަމަށްވަނީ ބެލެވިފަ އެވެ.

ބޮސްނިއާގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޯޓޮނޯމަސް ބޮސްނިއަކް ކްރޮއޭޓް ފެޑެރޭޝަންގެ ޕްރައިމް މިނިސްޓަރު ނާމިން ނިކްސިޗް އާއި ސަރަހައްދީ ސަލާމަތީ މިނިސްޓަރުންނާއި ޕްރޮސިކިއުޓަރުންވެސް ވަނީ ބައްދަލުކޮށްފަ އެވެ. ނަމަވެސް ޕްރައިމް މިނިސްޓަރު ނިކްސިޗް ވަނީ ތަންތަނަށް ގެއްލުންދީގެން ހައްލަކަށް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.